ބޯކޮށް ވާރޭވެހި ގދ. ގެ ފަސް ރަށެއްގައި ފެން ބޮޑުވެއްޖެ
ބޯކޮށް ވާރޭވެހި ގދ. ގެ ފަސް ރަށެއްގައި ފެން ބޮޑުވެއްޖެ

ދެކުނު ބައެއް ރަށްތަކަށް މިއަދު ހެނދުނު ބޯކޮށް ވާރޭވެހި، ގދ. އަތޮޅުގެ ފަސް ރަށެއްގައި ފެން ބޮޑުވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ބޯކޮށް ވާރޭވެހިގެން އެންމެ ބޮޑަށް ފެންބޮޑުވި ކަމަށް އަންގާފައި ވަނީ ގދ. ވާދޫ، ނަޑައްލާ، ފިޔޯރީ، ރަތަފަންދޫ އަދި ގައްދޫން ކަމަށެވެ. އޭގެ ތެރެއިން ވާދޫން ފެން ހިންދުމުގައި ދަތިތަކެެއް ކުރިމަތިވެގެން އުޅޭކަން އެ ސެންޓަރަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ވިއްސާރާގައި މާގިނަ ގޭގެއަށް ގެއްލުންތަކެއް ލިބުނު ކަމެއް ރިޕޯޓްކޮށްފައެއް ނުވޭ. އެހާ ބޮޑު ގެއްލުމެއް ނުލިބުނީ ފެން ބޮޑުވެދާނެތީ ބައެއް ގޭގައި ވެލި ބަސްތާ ޖަހާފައި ހުރުމުން ކަމަށް އެނގިފައި ވަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ހެނދުނު މެޓް އޮފީހުން ޔެލޯ އެލާޓް ނެރުމާ ގުޅިގެން އެ ސެންޓަރުން ރަށްރަށުގެ ކައުންސިލްތަކަށް ގުޅައިގެން މައުލޫމާތު އޮޅުންފިލުވަމުން ގެންދިޔަ ކަމަށެވެ.

"ޖުމްލަ ފަސް ރަށަކުން އަޅުގަނޑުމެންނަށް މައުލޫމާތު ދިނީ އާދަޔާ ހިލާފަށް ރަށު ތެރޭގައި ފެންބޮޑުވި ކަމަށް. ހާއްސަކޮށް ވާދޫން ފެން ހިންދަން ދަތިތަކެއް ކުރިމަތިވެގެން އެކަން އަޅުގަނޑުމެންނަށް އެންގި. އެމްއެންޑީއެފްގެ ސަދަން އޭރިއާ އިން ވެސް އޮތީ ތައްޔާރަށް އިތުރަށް ގޯހެއް ވަންޏާ ހަރަކާތްތެރިވާން،" އެ އޮފިޝަލް ވިދާޅުވި އެވެ.

ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާނެއްގެ ސަބަބުން ކުރި ވިއްސާރާގައި މިދިޔަ ހަފުތާގައި ވަނީ ރާއްޖެއަށް ވިއްސާރަވެ ބައެއް ރަށްރަށުގައި ފެން ބޮޑުވެފަ އެވެ. އަދި ވައި ގަދަވުމާއި ރާޅު އެރުމުގެ ސަބަބުން ވެސް ބައެއް ރަށްރަށް ގެއްލުންވި އެވެ. ނަމަވެސް މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިހާރު ކުރަމުން ދަނީ ތޫފާނާ ގުޅުން ހުރި ވިއްސާރައެއް ނޫނެވެ.