ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއަށް ތިން ބޭފުޅުން އިންކާރުކޮށްފި
ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއަށް ތިން ބޭފުޅުން އިންކާރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަން ކަމަށް ބުނެ ތިން ބޭފުޅަކަށް ކުރާ ދައުވާއަށް އެ ބޭފުޅުން މިއަދު އިންކާރު ކުރައްވައިފި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް އިދިކޮޅު މެމްބަރުންނާ އެކު މިދިޔަ ޖުލައި މަހު މަޖިލީހަށް ވަން ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ ވިލިނގިލީ ދާއިރާގެ މެމްބަރަކަށް ހުންނެވި ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު އަމީތުގެ މައްޗަށެވެ. އެ ބޭފުޅުންނަށް ކުރަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވައި، ތިން ބޭފުޅުންނަށް ލިބިގެންވާ ހައްގުތައް ސާފުކޮށް ދެއްވުމަށް ފަހު، ދައުވާއާ މެދު ބުނަނީ ކީކޭތޯ ގާޒީ އާދަމް އާރިފް ސުވާލު ކުރެއްވުމުން ތިން ބޭފުޅުން ވެސް ވިދާޅުވީ އެ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

އިންކާރުކުރާ ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ތިން ބޭފުޅުންގެ ވަކީލް ހިސާން ހުސައިން ވިދާޅުވީ އޭގެ ތެރެއިން ދެ ބޭފުޅެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން މަޖިލީހަށް ސިޓީ ފޮނުވާފައިވަނީ އިދިކޮޅު މެމްބަރުންނާ އެކު އެ ތިން ބޭފުޅުން މަޖިލީހަށް ވަން ދުވަހު ކަމަށެވެ. އެހެންވެ، ހިސާން އެދިވަޑައިގަތީ އެ ސިޓީ މަޖިލީހަށް ފޮނުވި ވަގުތެއް ސާފުކޮށް ދިނުމަށެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ އެކަން ސާފު ކުރުމަށް ފަހުު ދެން އޮންނަ އަޑުއެހުމެއްގައި އެ މައުލޫމާތު ފޯރުކޮށްދޭން ކަމަށެވެ.

ތިން ބޭފުޅުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައި ވަނީ ބައެއް ފުލުހުންނާއި، އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީ އާއި މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޑިފެންސް މިނިސްޓްރީއަށް މަޖިލީހުން ފޮނުވި ސިޓީ އާއި ވީޑިއޯ ފުޓޭޖެކެވެ.

އެ މައްސަލާގެ ދެން އޮންނަ އަޑުއެހުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއިން ކޮންމެ ބޭފުޅެއްގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ދައުވާއަށް އިއުތިރާފްވެއްޖެ ނަމަ އަދަބުގެ އެއް ދަރަޖަ ދަށްވެ، އަންނާނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން ގަދަކަމުން މަޖިލީހަށް ވަން ކަމަށް ބުނެ ދައުލަތުން ދައުވާކުރާ 12 ބޭފުޅުންގެ ތެރޭގައި ވެސް ސައުދާއި ވައްޑެ އަދި އަމީތު ހިމެނެ އެވެ. އެ މައްސަލާގައި ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ސައުދާއި ވައްޑެ އަދި އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ ބޭފުޅުން ކުރިން ތިއްބެވި ޕާޓީ ކަމަށްވާ ޕީޕީއެމުން ވަކި ކުރުމުންނެވެ. އެކަމަކު ގޮނޑި ގެއްލުނު ކަމަށް އެ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ. މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން އެ ބޭފުޅުން ތިބީ ޕާޓީން ވަކިވެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން އެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ނިންމާފައިވަނީ އެކަމުގައި އިތުރު ގޮތެއް ސުޕްރީމް ކޯޓުން ނިންމަންޖެހޭ ތަނެއް ނެތް ކަމަށެވެ.