09 ޖުލައި 2016 - 08:07

އިންޑިއާގެ ޑޮކްޓަރުންގެ ޓީމަކުން އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖެއްގެ ނިތްކުރީގައި ނޭފަތެއް ހެއްދުމަށް ފަހު، އެ ކުއްޖާގެ އައިބުވެފައިވާ ނޭފަތުގައި ބަދަލު އާ ނޭފަތް ހަރުކޮށްފި އެވެ.

އަތޫލް ޕަޓޭލް ނަމަކަށް ކިޔާ މި ކުއްޖާގެ ނޭފަތް ބަދަލުކޮށްފައި ވަނީ އޭނާ ކުޑައިރު ވަރަށް ބޮޑަށް ނިއުމޯނިއާ ޖެހި ނޭފަތަށް ލިބުނު ބޮޑު އައިބަކާ ގުޅިގެންނެވެ. އިންފެކްޝަންގެ ސަބަބުން ޕަޓޭލްގެ ނޭފަތުގެ ކާޓިލޭޖް ހަލާކުވެ ރަނގަޅު ނުކުރެވޭ ވަރު ވީ އެވެ.
ނޭފަތް ބަދަލުކުރުމުގެ މިފަދަ އޮޕަރޭޝަނެއް 2013 ވަނަ އަހަރު ޗައިނާގައި ވެސް ކޮށްފައިވެ އެވެ. ޗައިނާގައި ބަދަލުކޮށްފައި ވަނީ ޓްރެފިކް އެކްސިޑެންޓެއްގައި ނޭފަތް ވަރަށް ބޮޑަށް ހަލާކުވި މީހެއްގެ އެވެ.
ޕަޓޭލް އުފަންވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ނިއުމޯނިއާ ޖެހިފަ އެވެ. އަވަހަށް ފަރުވާ ދޭން ފެށި ނަމަވެސް ފަރުވާއާ އެކު ޕަޓޭލްގެ ހާލު އިތުރަށް ގޯސްވެ ނޭފަތް ވެސް ހަލާކުވީ އެވެ.
ޕަޓޭލް އަށް 10 އަހަރަށް ފަހު ލިބުނު އާ ނޭފަތް އޭނާގެ އެހެން ގުނަވަންތަކެކޭ އެއްގޮތަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޮޕަރޭޝަންގައި އިސްކޮށް އުޅުއްވި ޑޮކްޓަރު އަޝްވިނީ ދާޝް ބީބީސީ އަށް ވިދާޅުވެފައިވެ އެވެ. ޑޮކްޓަރު ވިދާޅުވެފައި ވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރި އޮޕަރޭޝަން ފުރިހަމަ ކުރުމަށް އެއް އަހަރު ނެގި ކަމަށެވެ.
މިފަދަ އޮޕަރޭޝަންތައް ކުރާއިރު، ބޭނުންވާ ގުނަވަނެއް ހެއްދުމަށް އެ ގުނަވަނުގެ ބައްޓަމަށް ޓިޝޫތައް ފުޅާކޮށް ޖާގަ ހެދުމަށް ހަންގަނޑު ދަށަށް އެއްޗެއް ލައްވަނީ އެވެ. އަދި ބޭނުންވާ ވަރަށް ޓިޝޫތައް އުފެދި ބައްޓަން ފުރިހަމަވުމުން އެ ނަގައި، ބޭނުންވާ ތަނުގައި އިންދަނީ އެވެ.