ގުދުސް އަކީ މުސްލިމުންނަށް ރަތް ރޮނގެއް: އުރުދުޣާން
ގުދުސް އަކީ މުސްލިމުންނަށް ރަތް ރޮނގެއް: އުރުދުޣާން

އަންކާރާ (ޑިސެމްބަރު 5) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ހަދަން އެމެރިކާ އިން އުޅޭ މައްސަލާގައި އިޒްރޭލާ ސިޔާސީ ގުޅުން ކަނޑާލަން ޖެހިދާނެކަމުގެ އިންޒާރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެއްވައިފި އެވެ.

"އެފަދަ ކޮންމެ ކަމެއް ވެގެންދާނީ މުސްލިމުންނަށް ރަތް ރޮނގަކަށް،" އުރުދުޣާން ވިދާޅުވި އެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަން އުޅޭ ކަމުގެ ޚަބަރުތައް ފެތުރިފައި ވަނީ ހުކުރު ދުވަހު އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް އެކަން އިއުލާން ކުރައްވައިފި ނަމަ ތެލް އަވީވުގައި މިހާރު ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާ އިން އެގޮތަށް ކަންތައް ނުކުރުމަށް ދުނިޔޭގެ ލީޑަރުން ވަނީ އިންޒާރުކޮށްފަ އެވެ. ފްރާންސްގެ ރައީސް އެމަނުއެލް މޭކޮން ވަނީ ޓްރަމްޕަށް ފޯނުން ގުޅުއްވާ، ގުދުސްގެ ކުރިމަގު ބިނާކުރަން ޖެހޭނީ ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ މަޝްވަރާތަކުގެ ތެރޭން ކަމަށް ވިދާޅުވެފަ އެވެ. ފަލަސްތީނުގެ އެދުމުގެ މަތިން އަރަބި ލީގުން މިއަދު ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެމެރިކާގެ ކޮންގްރެސް އިން 1995 ވަނަ އަހަރު ވަނީ ގުދުސް އަށް އެމްބަސީ ބަދަލު ކުރަން ގާނޫނެއް ފާސްކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ ރައީސަކު ވެސް ގެންދަނީ އެމްބަސީ ބަދަލު ކުރުން ލަސްކުރުމަށް ކޮންމެ ހަ މަހަކުން ލިޔުމުގައި ސޮއިކުރަމުންނެވެ. ރައީސް ޓްރަމްޕުގެ ވެސް ވަނީ އެ ލިޔުމުގައި ޖޫން މަހު ސޮއި ކުރައްވައިފަ އެވެ. ޓްރަމްޕް ސޮއިކުރެއްވި ލިޔުމުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. އެއްވެސް ގައުމަކުން އަދި މިހާތަނަށް ގުދުސްގައި އެމްބަސީ ގާއިމްކޮށްފައެއް ނުވެ އެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަނެ އަދި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކޮށްފި ނަމަ ސުލްހައިގެ މަސައްކަތަށް ވަރަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ސައުދީ އަރަބިއާ އިން އިއްޔެ ވަނީ ބުނެފަ އެވެ. ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އޮފީހުން ވަނީ އެމެރިކާ އިން އެ ގޮތަށް އަމަލު ނުކުރަން ދުނިޔޭގެ ލީޑަރުންނަށް ގޮވާލައިފަ އެވެ. ޖޯޑަން އާއި އަރަބި ލީގުން ވެސް ވަނީ އެމްބަސީ ބަދަލު ނުކުރަން ގޮވާލައިފަ އެވެ.

އިޒްރޭލުން އިރުމަތީ ގުދުސް ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަނގުރާމަ އަށް ފަހު އެވެ. ފަލަސްތީނުން ވެސް ބުނެފައި ވަނީ މުސްތަގްބަލުގައި އުފެދޭ ދައުލަތުގެ ވެރިރަށަކަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ.