05 ޑިސެމްބަރ 2017 - 15:53

މެޑްރިޑް (ޑިސެމްބަރު 5) - ކެޓަލޯނިއާގެ ވެރިކަމުން ދުރުކުރި ކާލްސް ޕުޖްޑެމޮން ހައްޔަރުކުރަން ސްޕޭނުގެ ކޯޓަކުން ނެރުނު ޔޫރަޕިއަން އެރެސްޓް ވޮރެންޓް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ޕުޖްޑެމޮންއާ އެކު މިހާރު ބެލްޖިއަމްގައި ތިބި ކެޓަލޯނިއާގެ ހަތަރު ވަޒީރަކު ހައްޔަރު ކުރުމަށް ވެސް ޔޫރަޕިއަން އެރެސްޓް ވޮރެންޓްސް (އީއޭޑަބްލިއު) ނެރެފައިވެ އެވެ. ނަމަވެެސް އެ ހަތަރު ވަޒީރުންގެ އީއޭޑަބްލިއު ވެސް މިއަދު ވަނީ ބާތިލްކޮށްފަ އެވެ.
މައްސަލަ ބަލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޕަބްލޯ ލަރެނާ ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ހައްޔަރު ކުރުމުގެ އަމުރު ނެރުނު ފަސް މީހުން ވެސް ވަނީ ސްޕޭނަށް އެނބުރި ގޮސް ކެޓަލޯނިއާގެ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށެވެ. ޔޫރަޕިއަން އެރެސްޓް ވޮރެންޓް އުވާލި ނަމަވެސް އެ މީހުން ސްޕޭނަށް ދިއުމުން ހައްޔަރު ކުރުމުގެ އުމުރު ވަނީ ދަމަހައްޓައިފަ އެވެ.
ސްޕޭނުގެ ހައި ކޯޓުން ޔޫރަޕިއަން އެރެސްޓް ވޮރެންޓް (އީއޭޑަބްލިއު) ނެރުމާ އެކު އެ އަމުރު ބެލްޖިއަމްގެ ޕްރޮސެކިއުޓަރުންނަށް ތަންފީޒް ކުރެވޭނެ އެވެ. އަދި އަމުރަކީ ސައްހަ އެއްޗެއްތޯ 24 ގަޑިއިރުތެރޭ ބެލްޖިއަމުން ނިންމަން ޖެހެ އެވެ. އަމުރު ރަނގަޅު ނަމަ ޕުޖްޑެމޮން އާއި ހަތަރު މެންބަރުން ހައްޔަރު ކުރަން 15 ދުވަސް ލިބޭނެ އެވެ. މީގެ ތެރޭން އެކަކު ވެސް އަމުރު އިސްތިއުނާފް ކޮށްފި އިތުރަށް 15 ދުވަސް ލިބޭނެ އެވެ.
އެ މީހުން ހައްޔަރު ކުރުމަށް ފަހު ސްޕޭނަށް ފޮނުވުމަށް ބެލްޖިއަމަށް 60 ދުވަސް ލިބޭނެ އެވެ. އަމުރު ނެރެފައިވާ މީހުންގެ އިންސާނީ ހައްގަކަށް ގެއްލުން ލިބިދާނެ ކަމަށް ފެނިއްޖެ ނަމަ އެ ގައުމަކުން އަމުރާ ދެކޮޅު ހެދުމުގެ ފުރުސަތު އޮވެ އެވެ. މީގެ ތެރޭގައި އިންސާފުވެރި ޝަރީއަތެއް ނުލިބުން ވެސް ހިމެނެ އެވެ.
ކެޓަލޯނިއާގައި އޮކްޓޯބަރު 1 ވަނަ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު މިނިވަންކަން އިއުލާން ކުރުމާ ގުޅިގެން ސްޕޭނުން ވަނީ ކެޓަލޯނިއާގެ މައްޗަށް ސީދާ ބާރު ހިންގައިފަ އެވެ. އަދި މި މި މަހު 21 ވަނަ ދުވަހު އާ އިންތިޚާބެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ޕުޖްޑެމޮން ވަނީ އެ އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ ކަމަށް ބެލްޖިއަމް ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފަ އެވެ. އަދި ސްޕޭނަށް އެނބުރި ވަޑައިގަންނަވާނީ އިންސާފުވެރި ގޮތުގައި ޝަރީއަތް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ލިބުމުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.