05 ޑިސެމްބަރ 2017 - 15:34

ސޯލް (ޑިސެމްބަރު 5) - ނޯތު ކޮރެއާ އިން ފިލި ސިފައިންގެ މީހާ އެމެރިކާގެ ބްލެކް ހޯކް ހެލިކޮޕްޓަރެއްގައި ސޯލްގެ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާ އޮތީ "ތެޅިފައި އޮތް ފުޅިއެއްހެން" ކަމަށް ސިފައިންގެ މީހާ އަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރު ލީ ކުކް-ޖޮންގް ވިދާޅުވެއްޖެ އެވެ.

ލީ ވިދާޅުވީ ޒަޚަމްވެފައިވާ ސިފައިންގެ މީހާ އޯ ޗޮން ސޮންގް ސޯލްގެ އަޔޫ ޔުނިވާސިޓީ ހޮސްޕިޓަލަށް ގެނައުމާ އެކު އޭނާ ހެލިޕެޑަށް ދިޔަ ކަމަށެވެ.
"އޭނާ ގެނައި އިރު ލޭގެ ޕްރެޝަރު ވަރަށް ދަށް. މީހާ އޮތީ ތެޅިފައި އޮތް ފުޅިއެއް،" ސީއެންއެން އަށް ލީ ވިދާޅުވި އެވެ.
ނޮވެމްބަރު 13 ވަނަ ދުވަހު ބޯޑަރު ހުރަސްކޮށް ސައުތު ކޮރެއާ ސަރަހައްދަށް ވަންނަން އުޅެނިކޮށް ގާޑުން ބަޑި ޖެހުމުން އުމުރުން 24 އަހަރުގެ ސިފައިންގެ މީހާގެ ހަށިގަނޑަށް ފަސް ވަޒަން އަރާފައިވެ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ހެލިކޮޕްޓަރުގައި ވެސް އެމެރިކާ ސިފައިން ވަނީ ފަރުވާ ދީފަ އެވެ.
ލީ ވިދާޅުުވީ އޯ ހޮސްޕިޓަލަށް ގެނައުމާ އެކު އެންމެ ފުރަތަމަ މަސައްކަތް ކުރީ ނޭވާލައްވަން ކަމަށެވެ.
"އެއް ވަޒަން ހުރީ ކަނާތު ކަކުލަށް އަރާ. އަނެއް ވަޒަން އަތުގެ އުޅަނބޮށިން މައްޗަށް، ތިން ވަނަ ވަޒަން ފަހަތުން މެއާ ދިމާލަށް އަރާފައި ހުރީ. އެ ވަޒަން ނުކުމެފައި ހުރީ ކޮނޑާ ދިމާލުން. ފަސް ވަނަ ވަޒަން އަރާފައި ހުރީ އޭނާގެ ބަނޑަށް. އެ ވަޒަން ނަގަން ފަސް ގަޑިއިރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު. މި ވަރުގެ އުނދަގޫ އޮޕަރޭޝަނެއް އަޅުގަނޑުގެ 20 އަހަރުގެ ކެރިއަރުގައި ވެސް ނުކުރަން،" ލީ ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވީ ބަނޑުގައި ހުރި ޒަޚަމްތަކަށް ފަރުވާ ދިން އިރު ސިފައިންގެ މީހާގެ ބަނޑުގައި ހުރި ފަނިތައް ވެސް ނަގަން ޖެހުނު ކަމަށެވެ. އޯހްގެ ބަނޑުގައި ހުރި ބައެއް ފަނީގެ ދިގު މިނުގައި 27 ސެންޓިމީޓަރު (10 އިންޗި) ހުއްޓެވެ.
"ވަރަށް ނުރައްކާ ވަގުތުތައް ވެސް ދިޔަ. އޭނާ ސަލާމަތް ވުމަކީ މުއުޖިޒާތެއް،" ލީ ވިދާޅުވި އެވެ.
ލީ ވިދާޅުވީ އޯހް ރަނގަޅުވަމުން އަންނަނީ ވަރަށް އަވަހަށް ކަމަށާއި އޭނާ އަށް މިހާރު އަމިއްލަ އަށް ފާޚާނާ އަށް ވެސް ދެވޭ ކަމަށެވެ.
ލީ ވިދާޅުވީ އޭނާ އޮތީ ސައުތު ކޮރެއާގައިތޯ އޯހް ސުވާލު ކުރި ކަމަށެވެ. އަދި ޖަވާބުގައި އޭނާ ވަނީ ސައުތު ކޮރެއާގެ ދިދަ ދައްކާފައި ކަމަށް ބުންޏެވެ.
އޯހް ވަނީ ގާނޫނީ ދާއިރާ އިން ކިޔަވަން ބޭނުންވާ ކަމަށް އޭނާ އަށް ފަރުވާދޭ ޑޮކްޓަރުން ކައިރީ ބުނެފަ އެވެ.