05 ޑިސެމްބަރ 2017 - 15:14

އަޔަލެންޑްގެ ޑަބްލިންގައި ޝޫޓް ކުރަމުން އަންނަ ފިލްމް "ދަ ރިދަމް ސެކްޝަން" ގެ އެކްޝަން މަންޒަރެއް ޝޫޓް ކުރަނިކޮށް، ލީޑް ބަތަލާ ބްލޭކް ލައިވްލީގެ އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން ފިލްމްގެ މަސައްކަތް މެދުކަނޑާލައިފި އެވެ.

ފިލްމްގެ އެއް ޕްރޮޑިއުސަރު ބާބްރާ ބްރޮކޮލީ ބުނީ ބްލޭކްގެ އަތަށް ލިބުނު އަނިޔާއާ ގުޅިގެން ޝޫޓިން މި ވަގުތަށް މެދުކަނޑާލި ނަމަވެސް، ވަރަށް އަވަހަށް އަލުން ޝޫޓިން ފަށާނެ ކަމަށެވެ. ނަމަވެސް 30 އަހަރުގެ ބަތަލާގެ އަތަށް ލިބުނު އަނިޔާގެ ތަފުސީލެއް ނުދެ އެވެ.
"ދަ ރިދަމް ސެކްޝަން" އަކީ އާއިލާގެ ބަޔަކު ދަތުރުކުރާ ފްލައިޓެއް ވެއްޓި އެންމެން މަރުވާ ހާދިސާއެއްގެ ހަގީގަތް ހޯދަން އެ އާއިލާގެ އަންހެނަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ގިނަ އަދަދެއްގެ އެކްޝަން މަންޒަރުތައް ހިމެނޭ ފިލްމުން ބްލޭކްގެ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެން ދާނެ އެވެ.
ޓީވީ ސިލްސިލާ "ދަ ހޭންޑްމެއިޑްސް ޓޭލް" ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ރީޑް މޮރާނޯ ޑައިރެކްޓް ކުރާ ސްޕައި ތުރިލާގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު އެކްޓަރު ޖޫޑް ލޯ ވެސް ހިމެނެ އެވެ.
ޕެރަމައުންޓް ސްޓޫޑިއޯ އިން ޑިސްޓްރިބިއުޓް ކުރާ "ދަ ރިދަމް ސެކްޝަން" ސިނަމާތަކަށް އަންނާނީ ފެބްރުއަރީ، 22، 2019 ގަ އެވެ.