05 ޑިސެމްބަރ 2017 - 13:41

ޕިއޮންޔޮން (ޑިސެމްބަރު 5) - އދ.ގެ އަންޑަ ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް ޖެފްރީ ފެލްޓްމަން ވަރަށް ކުއްލި ގޮތަކަށް ނޯތު ކޮރެއާ އަށް ވަޑައިގެންފި އެވެ.
މިއީ އދ.ގެ ސީނިއާ އޮފިޝަލަކު ވޭތުވެދިޔަ ހަ އަހަރު ތެރޭ ނޯތު ކޮރެއާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ނޯތު ކޮރެއާ އިން ސެޕްޓެމްބަރު މަހު ވަނީ މަޝްވަރާ އަށް އދ. އަށް ދައުވަތު ފޮނުވައިފަ އެވެ.
އދ.ގެ އޮފިޝަލަކު ނޯތު ކޮރެއާ އަށް ވަޑައިގެންފައި މި ވަނީ އެ ގައުމުން މިހާތަނަށް ކުރި އެންމެ ބާރުގަދަ ބެލިސްޓިކް މިސައިލް ޓެސްޓް މިދިޔަ ހަފުތާގައި ކޮށްފައި ވަނިކޮށެވެ. އަދި އެއީ އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ މިސައިލެއް ކަމަށް ނޯތު ކޮރެއާ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އދ. ގެ އޮފިޝަލް ނޯތު ކޮރެއާ އަށް ވަޑައިގެންފައި މިވަނީ އެމެރިކާ އާއި ސައުތު ކޮރެއާ ގުޅިގެން ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފަށާފައި ވަނިކޮށެވެ.
އެމެރިކާގެ ކުރީގެ ޑިޕްލޮމެޓް އަދި އދ.ގައި ވަޒީފާ އަދާކުރާ އެމެރިކާގެ އެންމެ މަތީ އޮފިޝަލް ފެލްޓްމަން ނޯތު ކޮރެއާގައި ހުކުރު ދުވަހާ ހަމައަށް މަޑުކުރައްވާނެ އެވެ.
އދ.ގެ ތަރުޖަމާން ވިދާޅުވީ ނޯތު ކޮރެއާގެ ސީނިއާ އޮފިޝަލުންނާ ފެލްޓްމަން ބައްދަލު ކުރައްވާނެ ކަމަށެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު ރި ޔޮންގް-ހޯ ވެސް ހިމެނެ އެވެ. ނަމަވެސް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ބައްދަލު ކުރުމަށް ހަމަޖެހިފައެއް ނުވެ އެވެ.
ފެލްޓްމެން ނޯތު ކޮރެއާ އަށް ވަޑައިގެންނެވީ ޗައިނާ އަށް ޒިޔާރަތް ކުރުމަށް ފަހު އެވެ. ޗައިނާ އަކީ ނޯތު ކޮރެއާގެ ވިޔަފާރީގެ މުހިންމު ބައިވެރިއެކެވެ.