ޗެލްސީ އަށް ބަދަލުނުވާނެ ކަމަށް ނައިންގޮލަން ބުނެފި
ޗެލްސީ އަށް ބަދަލުނުވާނެ ކަމަށް ނައިންގޮލަން ބުނެފި

ރޯމް، އިޓަލީ (ޖުލައި 8) - މިފަހަރުގެ ޓްރާންސްފާ މާކެޓްގައި އިޓަލީގެ އޭއެސް ރޯމާ ދޫކޮށް އިންގްލެންޑުގެ ޗެލްސީ އަށް ބަދަލުނުވާނެ ކަމަށް ބެލްޖިއަމްގެ މިޑްފީލްޑަރު ރަޒާ ނައިންގޮލާން ބުނެފި އެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ މީގެ ކުރިން ޔުވެންޓަސްގައި ހުރިއިރު ވެސް ނައިންގޮލާން އެ ޓީމަށް ގެންދަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އޭރު ނައިންގޮލާން ވިއްކަން ރޯމާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ.

ކޮންޓޭ އަންނަ ސީޒަނުގައި ޗެލްސީ ވަރުގަދަ ކުރުމަށް ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ނައިންގޮލާން ހިމެނުނު ނަމަވެސް ކްލަބް ބަދަލުކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

"ކޮންޓޭ އަކީ ކާމިޔާބު ކޯޗެއް. އެކަމަކު އަހަރެންގެ ވިސްނުމެއް ނެތް އަދި ރޯމާ ދޫކޮށްލާން. ޗެލްސީ އަށް ބަދަލުވާން ވާހަކަތަކެއް ދެކެވުނު. އެކަމަކު އެއްބަސްވުމަކާ ހަމައަށް އަންނަ ގޮތަކަށް ވާހަކައެއް ނުދައްކަން. އަންނަ ސީޒަނުގައި ވެސް އަހަރެން ފެންނާނީ ރޯމާއިން." އުމުރުން 28 އަހަރުގެ ނައިންގޮލާން ބުންޏެވެ.

ޗެލްސީން މިހާތަނަށް ނައިންގޮލާން އަށް ކުރި ތިން ބިޑު ވެސް ކާމިޔާބު ނުވި އެވެ. އެ ޓީމުން އެންމެ ފަހުން ކުރީ 35 މިލިއަން ޕައުންޑުގެ ބިޑެކެވެ. ޗެލްސީން ވަނީ މާސޭ އަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ އެ ޓީމަށް ގެނެސްފަ އެވެ.

ނައިންގޮލާން އަކީ މި ފަހަރު ޔޫރޯގައި ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރި ބެލްޖިއަމް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި އަޔަލެންޑް ކޮޅަށް އަދި ކުއާޓާ ފައިނަލުގައި ވޭލްސް ކޮޅަށް ލަނޑު ޖަހައިފަ އެވެ.