05 ޑިސެމްބަރ 2017 - 11:21

ސަންއާ (ޑިސެމްބަރު 5) - ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހު އަވަހާރަކޮށްލީ ޣައްދާރުވުމުން ކަމަށް ހޫތީންގެ ލީޑަރު އަބްދުލް މާލިކް އަލް ހޫތީ ބުނެފި އެވެ.

ޝިއައީ ހޫތީން ހިންގާ އަލް މަސީރާ ޓީވީ ނެޓްވޯކުގައި ވާހަކަ ދައްކަމުން މާލިކް ބުނީ ބޭވަފާތެރި ކަމާއި ޣައްދާރުވުން ފޭލްވެއްޖެ ކަމަށެވެ. އަދި ހޫތީންނާ ދެކޮޅަށް ސޯލިހަށް ވަފާތެރި ސިފައިން ތެދުވުމަކީ މުޅި އަރަބި ޕެނިންސުލާ އަށް ވެސް ކުރިމަތިވިވި ނުރައްކަލެއް ކަމަށް އޭނާ ބުންޏެވެ. އެކަމަކު ސޯލިހުގެ ސިފައިން ތިން ދުވަސް ތެރޭ ބަލިކޮށްލާފައިވާ ކަމަށް ބުންޏެވެ.

މާލިކު ބުނީ ހޫތީ ގްރޫޕް ނުވަތަ އަންސާރުﷲ އިން ޔަމަނުގެ ޖުމްހޫރީ ނިޒާމު ދަމަހައްޓާނެ ކަމަށެވެ. އަދި ސޯލިހުގެ ޕާޓީގެ ކިބައިން ބަދަލު ނުހިފާނެ ކަމަށް ބުންޏެވެ. ސޯލިހުގެ ޖެނެރަލް ޕީޕަލްސް ކޮންގްރެސް (ޖީޕީސީ) ގެ މެންބަރުންނާ އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
ސޯލިހުގެ ނަން ނުބުނެ މާލިކު ބުނީ ސައުދީ ކޯލީޝަނާ ޔަމަނުގެ ރައީސް މަޝްވަރާ ކުރިކަން އެނގޭ ކަމަށެވެ. އަދި އެ ގޮތަށް ކަންތައް ނުކުރުމަށް ސޯލިހަށް އިންޒާރުކުރި ކަމަށް ވެސް ބުންޏެވެ.
ޔޫއޭއީ އަށް ހޫތީން ދިން ކަމަށް ބުނާ މިސައިލް ހަމަލާ އަށް އިޝާރާތްކޮށް މާލިކު ބުނީ އެއީ އަދާވާތްތެރިންނަށް އިންޒާރެއް ކަމަށެވެ. ހޫތީން ވަނީ ވޭތުވެދިޔަ މަހެއްހާ ދުވަހު ސައުދީ އަރަބި އަށް ވެސް މިސައިލް ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ.
މިދިޔަ ހަފުތާއާ ޖެހެންދެން ހޫތީންނާއި ސޯލިހަށް ވަފާތެރި ސިފައިން ގުޅިގެން ދިޔައީ ޔަމަނުގެ މިހާރުގެ ރައީސް އަބްދުއްރައްބޫހު މަންސޫރުގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް ވެރިރަށް ސަންއާގެ އެންމެ ބޮޑު މިސްކިތުގެ ކޮންޓްރޯލް ހޯދުމުގައި ދެބައި މީހުންގެ މެދުގައި ބުދަ ދުވަހު އުފެދުނު ދެބަސްވުމެއްގައި ތަޅާފޮޅަން ފެށި އެވެ. އަދި 125 މީހުން ވަނީ މަރާލައިފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ސޯލިހު ވަނީ ސައުދީ ކޯލީޝަނާ މަޝްވަރާ ކުރަން ހުށަހަޅައިފަ އެވެ. ހޫތީން ބުނެފައި ވަނީ ސޯލިހު ބަޣާވާތް ކޮށްފި ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ހޫތީން ވަނީ ވެރިރަށުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ހޯދާ ސޯލިހުގެ އާއިލާގެ މެމްބަރުންގެ ގެތަކުގެ ކައިރީގައި ހަނގުރާމަކޮށްފަ އެވެ. ސައުދީ ކޯލީޝަނުން ދިން ވައިގެ ހަމަލާތަކުން ވެސް ހޫތީން ހުއްޓުވޭ ގޮތެއް ނުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއަކުން ފެންނަ ގޮތުގައި ސޯލިހު، 77، އާ ވައްތަރު މީހެއްގެ ބޯ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. އޭގެ ފަހުން ޖީޕީސީގެ އޮފީހުން ވަނީ ސޯލިހު އަވަރާކޮށްލައިފި ކަމަށް ބުނެފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހޫތީން ސޯލިހަށް ހަމަލާދީ އަވަހާރަކޮށްލީ ގެއިން ނުކުމެވަޑައިގެން ފިއްލަވަން، ވެހިކަލެއްގައި ވަޑައިގަންނަވަނިކޮށެވެ.