05 ޑިސެމްބަރ 2017 - 10:50

ބާސެލޯނާ (ޑިސެމްބަރު 5) - ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ސެމިއުލް އުމްޓީޓީ އަށް އަނިޔާވެ، ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމަކީ ބާސެލޯނާ އަށް އޮތް ބޮޑު ބޮލުގެ ރިހުމެއް ނޫން ކަމަށް ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީން މިހާތަނަށް ހަމައެކަނި ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިވަނީ ބާސެލޯނާ އަށް އެކަންޏެވެ. ދެން އޮތް ޖާގަ އަށް ވާދަކުރަނީ މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނަ ސްޕޯޓިން ލިޒްބަން އާއި ޔުވެންޓަސް އެވެ.
އުމްޓީޓީގެ ފަލަމަސްގަނޑަށް އަނިޔާވީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އަށް އެނބުރި އާދެވޭނީ ދެ މަސް ފަހުންނެވެ. މި ސީޒަނުގައި މިހާތަނަށް ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގައި ވެސް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ޑިފެންޑަރުންގެ ތެރޭގައި އުމްޓީޓީ ހިމެނެ އެވެ.
ވަލްވޭޑޭ ބުނީ އުމްޓީޓީ އަށް އަނިޔާވުމަކީ ޓީމަށް އޮތް ގެއްލުމެއް ނަމަވެސް އެ މަގާމު ފޫބެއްދޭނެ ގޮތްތައް ޓީމު ތެރެއިން ހަމަޖެއްސޭނެ ކަމަށެވެ.
"އަހަރެމެންނަށް އެބަހުރި ސެމީ (އުމްޓީޓީ) ނެތިއްޖެ ނަމަ ހެދޭނެ ގޮތްތައް. މަޝެރާނޯ އެބަހުރި. ބަސްކެޓްސް އަކީ ފަހަތަށް ވެސް ކުޅެވޭނެ ކުޅުންތެރިއެއް. ޑީނޭ ވެސް ވަނީ ސެންޓްރަލް ޑިފެންސަށް ކުޅެފައި. ޕީކޭ އާއި ވާމެލަން ވެސް އެބަހުރި. ސެމީ (އުމްޓީޓީ) އަށް އަނިޔާވުމަކީ ގެއްލުމެއް. އެކަމަކު ބޮޑު ބޮލުގެ ރިހުމެއް ނޫން،" ވަލްވޭޑޭ ބުންޏެވެ.
އޭނާ ބުނީ އުމްޓީޓީ ނެތި ބާސެލޯނާ އަށް ގެއްލުމެއް ކުރިމަތިވާ ނަމަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އިތުރު ޑިފެންޑަރެއް ގެނައުމަކީ ވެސް އެޓީމަށް ކުރެވޭނެ ކަމެއް ކަމަށެވެ.
"ޖެނުއަރީ ޓްރާންސްފާގައި އިތުރު ޑިފެންޑަރެއް ގެނައުމާ މެދު މިދަނީ ވިސްނަމުން. އެއީ އެކަމަކު ހާލަތަށް ވިސްނާފައި،" ކުރިން އެތުލެޓިކް ބިލްބާއޯ އަށް ކޯޗުކޮށްދިން ވަލްވޭޑޭ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ނިމިފައިވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ވަލްވޭޑޭ ބުނީ ބޭނުންވަނީ މިރޭގެ މެޗުން އެކަމަށް ނިމުމެއް ގެނެސް މޮޅަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލަން ކަމަށެވެ.
ބާސެލޯނާ އާއި ސްޕޯޓިން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.