06 ޑިސެމްބަރ 2017 - 06:26

ހޯމަ ދުވަހު މަރުވި، ކުރީގެ މަޝްހޫރު އެކްޓަރު ޝަޝީ ކަޕޫރުގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ އަމީތާބު ބައްޗަން ވަނީ ޝަޝީގެ ހަޔާތުގެ ވަރަށް މުހިއްމު ހަގީގަތެއް ހާމަކޮށް އޭނާގެ ހަނދާނުގައި ވަރަށް އަސަރުގަދަ ވާހަކަތަކެއް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފަ އެވެ. އަދި އަންހެނުން ޖެނިފާ މަރުވުމަށް ފަހު ޝަޝީގެ ދިރިއުޅުން ފުނޑުފުނޑުވެގެން ދިޔަ ގޮތް ވެސް އަމީތާބު ކިޔައިދީފައިވެ އެވެ.

ޝަޝީގެ ދިރިއުޅުން ބަދަލުވާން ފެށީ 1983 ގައި އޭނާގެ އަންހެނުންނަށް ކެންސަރު ޖެހުނު ހިސާބުންނެވެ. ޖެނިފާ ދެކެ ޝަޝީ ވަރަށް ލޯބިވި އެވެ. އަންހެނުންގެ ބަލީގެ ޚަބަރު ލިބުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ އޭނާ މަރުވުމުން ވެގެން ދިޔައީ ޝަޝީގެ ހިތް ހަލާކުވި ކަމަކަށެވެ.
ޝަޝީގެ ބައޮގްރަފީގައި އޭނާގެ ދަރިފުޅު ކުނާލް ބުނެފައިވާ ގޮތުގައި ބައްޕަ ރޮނިކޮށް ފެނުނު ހަމަ އެކަނި ދުވަހަކީ މަންމަ މަރުވި ދުވަހެވެ. އެ ދުވަހަށް ފަހު ޝަޝީގެ މަޖާ، އުފާވެރި މިޒާޖު ބަދަލުވެ އެކަނިވެރިކަން އިޚްތިޔާރުކުރި އެވެ. އެކަމަކު ފިލްމު ކުޅުން ކުރިއަށް ގެންދިޔަ އެވެ. އޭނާގެ ކެރިއަރުގެ އެންމެ މޮޅު ފިލްމުތައް ކުޅެފައިވަނީ ޖެނިފާ މަރުވިތާ ފުރަތަމަ ދެ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް ޝަޝީ މަޑުމަޑުން ނިކަމެތިވަމުން ދިޔަތަން އޭނާގެ އެކުވެރިންނަށް ދިޔައީ ފެންނަމުންނެވެ.
ޖެނިފާގެ ހަނދާން ނައްތާލާއި ދިރިއުޅުމައިގެން ކުރިޔަށް ދެވޭތޯ ޝަޝީ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެކަމުގައި ކާމިޔާބެއް ނުވި އެވެ. އޭނާގެ ދެ ދަރިން ކަމަށްވާ ކުނާލް އާއި ސަންޖްނާ އަށް ވެސް ބައްޕަގެ އެކަނިވެރިކަން ދުރުކޮށްދެވޭ ގޮތެއް ނުވި އެވެ. ޝަޝީ މަޑުމަޑުން ނިކަމެތިވެ އެންމެންނާ އެކަހެރިވި އެވެ.
ސިއްހަތަށް ބަލައިނުލައި އުޅުމާއި ގިނައިން ކެއުމުގެ ސަބަބުން ހަށިގަނޑު މާބޮޑަށް ފަލަވެ ބަލިތަކުގެ ޝިކާރައަކަށްވި އެވެ. އެކުވެރިންނާ ބައްދަލުކުރުން މަދުކޮށްފައި ވަނިކޮށް، ޝަޝީގެ ގާތް ޕްރޮޑިއުސަރެއް ކަމަށްވާ އިސްމާއިލް މާޗެންޓް 2005 ވަނަ އަހަރު ހާޓް އެޓޭކެއް ޖެހިގެން މަރުވި އެވެ. އަދި ޝަޝީގެ މައްސަލަތައް އިތުރުވެގެން ދިޔަ އެވެ.
ޝަޝީ މަރުވަންދެން ވެސް އުޅުނީ އެކަނިވެރިކަމުގަ އެވެ. އަނބިމީހާގެ މަރަށް ފަހު ހުރިހާ ކަމެއް ބަދަލުވީ އެވެ.