08 ޖުލައި 2016 - 09:45

މާސޭ، ފްރާންސް (ޖުލައި 8) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް ފްރާންސަށް ހައްގުވާ ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފި އެވެ.
ފްރާންސުން ވަނީ ރޭ 2-0 އިން ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ފައިނަލުގައި އެ ޓީމު ކުޅޭނީ އަންނަ އާދިއްތަ ދުވަހު ޕޯޗުގަލްއާ ދެކޮޅަށެވެ.
"މެޗަކަށް ފަހު މެޗެއްގައި ފްރާންސުން އައީ ކުޅުން ރަނގަޅުކުރަމުން. މިއީ އަހަރެމެން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ. އަހަރެމެންނަށް ފައިނަލުގެ ޖާގައެއް ހައްގު." 1998 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަންކަން ކުރި ޑިޝޯމްޕްސް ރޭގެ މެޗަށް ފަހު ބުންޏެވެ.
ޑިޝޯމްޕްސް ބުނީ ޖަރުމަނު ބަލިކުރެވުނީ ކުޅުންތެރިން އޭނާގެ ރޭވުންތަކާ އެއްގޮތަށް ކުޅުމުން ކަމަށެވެ.
"އަހަރެމެންނަށް އެނގޭ ދުނިޔޭގެ އެއް ވަނަ ޓީމުކަން އިދިކޮޅަށް ނުކުމެ އޮތީ. ޖަރުމަނު ކުޅޭނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން. އެގޮތަށް ވިޔަނުދިނުން މެޗަށް ނުކުތްއިރު ޓާގެޓަކީ. އެ ގޮތަށް ކުޅެގެން އެ ޓީމު ބަލިކުރެވުނީ،" ޑިޝޯމްޕްސް ބުންޏެވެ.
ޖަރުމަނު ކޮޅަށް ރޭގެ މެޗުގައި ދެ ލަނޑު ޖެހީ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. މުބާރާތުގެ މިހާތަނަށް ޖެހި ހަ ލަނޑާ އެކު ގްރީޒްމަން އޮތީ ލަނޑު ލިސްޓުގެ އެއް ވަނަައިގަ އެވެ. ޑިޝޯމްޕްސް ވަނީ ގްރީޒްމަންގެ ކުޅުމަށް ތައުރީފް ކޮށްފަ އެވެ.
"އަހަރެން ބޭނުންވި ގޮތަށް ގްރީޒްމަން ނުކުޅޭތީ ގްރީޒްމަން އެއް މެޗުގައި ބެންޗަށް ލިން. އޭނާ އަށް އެ މެސެޖު ލިބުނީ ރަނގަޅަށް. ދެ ވަނަ ފުރުސަތުގެ ބޭނުން ހިފައިގެން ދެން ފެނުނީ މުޅިން ތަފާތު ގްރީޒްމަން އެއް،" އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ގްރީޒްމަންއާ ބެހޭގޮތުން ޑިޝޯމްޕްސް ބުންޏެވެ.
ފްރާންސާއި ޕޯޗުގަލް ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގަ އެވެ.