ސެމްސަންގުން ޕާސްވޯޑް ބުނެދިނުމަށް އަތްތިލަ ސްކޭންކުރަނީ
ސެމްސަންގުން ޕާސްވޯޑް ބުނެދިނުމަށް އަތްތިލަ ސްކޭންކުރަނީ

ލޮލުގެ ކަޅި އަށް ވުރެ ސްމާޓްފޯން ދެކެ އަހަރެމެން ލޯބިވެ އެވެ. އެ އެއްޗެއް ހިމާޔަތްކުރުމަށްޓަކައި، އިނގިލީގެ ނިޝާން އަދި ލޮލުގެ ކަޅި ވެސް މި އުޅެނީ ފޯނުތަކުގައި ރައްކާކޮށްގެންނެވެ. ނުވީތަނަކަށް މިހާރު މުޅި މޫނު ވެސް ފޮރުވަން ޖެހިފައި ވަނީ ފޯނުތަކުގަ އެވެ.

ސެމްސަންގުން އަނެއްކާ ވެސް މުޅިން އާ ޓެކްނޮލޮޖީއެއް ތައާރަފުކުރަން އެބަ އުޅެ އެވެ. ބޭނުމަކީ ޕާސްވޯޑް ހަނދާންނެތި ގޮތްހުސްވުމުން ޕާސްވޯޑް އަންގައިދިނުމެވެ. ކުރަންޖެހޭ ކަމަކީ ފޯނުގެ ފަހަތުގައި އިންނަ ކެމެރާ އަށް ފެންނަ ގޮތަށް މުޅި އަތްތިލަ ދައްކާލުމެވެ. އެއީ އަތްތިލައިގެ ފުރިހަމަ ކުރެހުމެއް ފޯނުގެ ސިކުނޑީގައި ކުރަހާލުމަށެވެ.

މިއީ ސެމްސަންގުން ހުއްދަހޯދަން މަސައްކަތްކުރާ ޓެކްނޮލޮޖީއަކަށް ވުމުން، ގެލަކްސީ ފޯނުތަކާ ހަމަ އަށް އަންނާނެ ދުވަހެއް އަދި އަންދާޒާކުރަން ވެސް ނޭނގެ އެވެ. މިއީ ފަހަރެއްގައި އެއްގޮތަކަށް ވެސް ބޭނުންނުހިފަފާނެ ޓެކްނޮލޮޖީއަކަށް ވެސް ވެދާނެ އެވެ. މި ކަހަލަ ކިތަންމެ ޓެކްނޮލޮޖީއެއް އުފައްދައި އެކަމަކު ބޭނުންނުހިފައި، ބާރުގަދަ ކުންފުނިތަކުން ހިފަހައްޓާފައި ވެސް އެބަ ހުއްޓެވެ.

އިންސާނުންގެ ގުނަވަންތައް އަދި ހަރަކާތްތަކުން ވަކި މީހަކު ދެނެގަތުމަށް އުފައްދާ ޓެކްނޮލޮޖީތަކަށް ސްމާޓްފޯނު އުފައްދާ ކުންފުނިތަކުން ނުހަނު އިޖާބަދެ އެވެ. އެހެންކަމުން ސެމްސަންގުން މި ޓެކްނޮލޮޖީ އަމިއްލަކުރަން އެދެނީ ގެލަކްސީ ފޯނުތަކުގައި ހިމެނުމަށް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އަތްތިލައިގެ ފޮޓޯ ފޯނުގައި ފޮރުވަނީ ޕާސްވޯޑް ހަނދާންކޮށްދިނުމަށް އެހީއެއް ގޮތުގަ އެވެ. އެހެންކަމުން ފުރިހަމަ ޕާސްވޯޑް ބުނެދިނުމުގެ ބަދަލުގައި، ފިކުރުކޮށްލައިގެން ޕާސްވޯޑް ހަނދާނަށް ގެނައުމަށް ކުރިން އިޚްތިޔާރުކުރި ބަދަލު ލަފުޒު ސްކްރީނުން ދައްކާލަ އެވެ. އެ ވެސް ފޯނަށް ބަލަހައްޓައިގެން ތިބޭ އެހެން ބަޔަކަށް އެއީ ކޮން އެއްޗެއްކަން ނޭނގޭ ގޮތަށެވެ. ދޭހަ އަކީ "ހިންޓް"ކުރުމުން ވެސް އެ އެއްޗެއް ފޯނުގެ ވެރިޔާ ނޫން މީހަކަށް ނޭނގުމެވެ.