08 ޖުލައި 2016 - 03:12

މާސޭ، ފްރާންސް (ޖުލައި 7) - މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅެ ގިނަ ހަމަލާތައް އުފެއްދި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ މައްޗަށް 2-0 އިން ކުރި ހޯދައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މުބާރާތް ބާއްވާ ގައުމު ފްރާންސް މިރޭ ޖާގަ ހޯދައިފި އެވެ.

މިޝޭލް ޕްލެޓިނީގެ މޮޅު ކުޅުމާ އެކު 1984 ވަނަ އަހަރު އަދި ޒައިނުއްދީން ޒިދާންގެ ޖާދުލާ އެކު 2000 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ފްރާންސުން މި ފަހަރު ފައިނަލަށް ދިއުމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ ޒުވާން ފޯވާޑް އެންޓޮއިން ގްރިޒްމަން އަށެވެ. މިރޭގެ ފްރާންސުގެ ދެ ލަނޑު ވެސް ކާމިޔާބުކުރީ މުބާރާތުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އެންމެ ބޮޑަށް ވާދަކުރާ ގްރިޒްމަން އެވެ. އާދީއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ފްރާންސް ނުކުންނާނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލާ ދެކޮޅަށެވެ.

ފްރާންސުގެ މަޝްހޫރު ކްލަބް އޮލިމްޕިކް މާސޭގެ ހިތްގައިމު ސްޓޭޑިއަމް ކަމަށްވާ ސްޓޭޑް ވެލޮޑްރޯމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ވެސް ގްރިޒްމަން އެވެ. އޭނާ ހަ ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ މަތަކުރި އެވެ.
އޭގެ ފަހުން ފެނިގެން ދިޔައީ ޖަރުމަނުގެ ނުރައްކާތެރި ދެ ހަމަލާއެކެވެ. އެގޮތުން 12 ވަނަ މިނެޓުގައި އޭރިއާ ތެރެއަށް ޖޯޝުއާ ކިމިޗް ވައްޓާލި ބޯޅައަށް ތޯމަސް މުލާ ހުހަށް އެރި ނަމަވެސް މާއަވަހަށް ޖަހަން ހަދައިގެން ފައިގައި ރަނގަޅަށް ބޯޅަ ލައްވާނުލި އެވެ. އޭގެ މިނެޓެއް ފަހުން އޭރިއާ ތެރެއިން މުލާ ފޮނުވާލި ބާރު ބޯޅައެއް ފްރާންސް ގޯލްކީޕަރު ހޫގޯ ލޮރިސް ދިފާއުކުރި އެވެ.
ފްރާންސަށް ލީޑު ނަގަން އެންމެ ހުސް ފުރުސަތެއް ލިބުނީ 41 ވަނަ މިނެޓުގައި އޮލިވާ ޖިރޯ އަށެވެ. ޖަރުމަނުގެ ޑިފެންޑަރު ޖެރޯމް ބޯޓެން ބޮލުގައި ލައްވާނުލި ބޯޅަ، ހޯދައި ޖިރޯ އެކަނިމާއެކަނި އެރި ނަމަވެސް އޭނާގެ ސްޕީޑް ލަސްވުމުގެ ފައިދާ ނަގައި ޖަރުމަނުގެ ބެނެޑިކްޓްސް ހޮވިޑިސް އެ ބޯޅަ ސަލާމަތްކުރި އެވެ.
ޖަރުމަނުގެ ހާފެއްގެ ގޮތުގައި ފުރަތަމަ ހާފު ފެނުނު ނަމަވެސް، ލީޑު ނެގީ ފްރާންސުންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ގްރިޒްމަން ގޯލް ޖެހީ ޕެނަލްޓީއަކުންނެވެ. މިއީ ފްރާންސުގެ ޕެޓްރީސް އެވްރާއާ އެކު ބޯޅައަށް އެރި ވަގުތު ޖަރުމަނުގެ ކެޕްޓަން ބަސްޓިއަން ޝްވެއިންސްޓެއިގާ އަތުގައި ބޯޅަ ޖެހުމުން އިޓަލީގެ ރެފްރީ ނިކޮލާ ރިޒޮލީ ދިން ޕެނަލްޓީއެކެވެ.
ދެ ވަނަ ހާފުގައި ޖަރުމަނުން ވަރަށް ބޮޑަށް ކުރިއަށް ޖެހުމުގެ ފައިދާ ނަގައި ފްރާންސުން ކައުންޓާގައި ނުރައްކާކުރަން ފެށި އެވެ. އެ ޓީމުން ލީޑު ފުޅާކުރި ލަނޑު ގްރިޒްމަން ޖެހީ ކައުންޓާ އެޓޭކެއްގައި ޕައުލް ޕޮގްބާ 72 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގަ އެވެ. އޭނާ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ޖަރުމަނުގެ ކީޕަރު ނޯޔާގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ގްރިޒްމަން ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. ނޯޔާ ބޯޅައަށް އެރި ވަގުތު އޭނާގެ ގައިގައި ފްރާންސުގެ ޖިރޯ ޖެހިގަތް ކަމަށާއި އެއީ ފައުލެއް ކަމަށް ބުނެ ޖަރުމަނުގެ ކުޅުންތެރިން މައްސަލަ ވެސް ޖެއްސި އެވެ.
ސަސްޕެންޝަނުގެ ސަބަބުން ޑިފެންޑަރު މެޓްސް ހަމެލްސް ނެތި ކުޅުނު ޖަރުމަނަށް މެޗުގެ ފަހުކޮޅު އިތުރު ހިތްދަތިކަމެއް ކުރިމަތިވީ ފަލަމަސްގަނޑު އިރައިގެން ދިއުމުން، އިތުބާރު ޑިފެންޑަރު ބޯޓެން ބާލަން ޖެހުމުންނެވެ. އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ޖަރުމަނުގެ މިޑްފީލްޑަރު ސާމީ ކެދީރާ އަދި ފޯވާޑް މާރިއޯ ގޯމޭޒް ވެސް ނުކުޅެ އެވެ.
މެޗުގެ ފަހުކޮޅަށް އެޅިއިރު ޖަރުމަނުން ދިޔައީ ފުލުފުލުގައި ހަމަލާތައް ފޮނުވަމުންނެވެ. އެކަމަކު ކިމިޗް އާއި ބަދަލު ދެ ކުޅުންތެރިން ކަމަށްވާ މާރިއޯ ގޮޓްޒާ އަދި ލެރޯއީ ސާނޭ އޭރިއާ ތެރެއިން ފޮނުވާލި ތިން ބޯޅަ ވެސް ގޯލަށް ވައްދާލެވޭ ގޮތެއް ނުވުމާ އެކު މެޗު ނިމިގެން ދިޔައީ 1958 ގެ ފަހުން ވާދަވެރި މެޗެއްގައި ޖަރުމަން އަތުން ފްރާންސަށް ފުރަތަމަ ފަހަރަށް މޮޅެއް ލިބިގެންނެވެ.