04 ޑިސެމްބަރ 2017 - 18:02

ސަންއާ (ޑިސެމްބަރު 4) - ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހު އަވަހާރަކޮށްލައިފި ކަމަށް ހޫތީން ހިންގާ ރޭޑިއޯ ސްޓޭޝަނުން ބުނެފި އެވެ.
ހޫތީން ދިޔައީ ވެރިރަށް ސަންއާގައި ސޯލިހަށް ވަފާތެރި ސިފައިންނާ ދެކޮޅަށް ހަނގުރާމަކޮށް ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރަމުންނެވެ. ދެ ބައި މީހުންގެ މެދުގައި ހަމަލާތައް ބަދަލު ކުރަމުންދާތާ ފަސް ދުވަސްވެއްޖެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހޫތީން މިއަދު ވަނީ ސޯލިހުގެ ގެއަށް ބޮން އަޅައިފަ އެވެ. ނަމަވެސް ސޯލިހު އަވަހާރަވެއްޖެ ކަމަށް ފެތުރި ޚަބަރުތައް އޭނާގެ ޕާޓީން ކުރިން ވަނީ ދޮގުކޮށްފަ އެވެ.
މިދިޔަ ހަފުތާއާ ޖެހެންދެން ސޯލިހަށް ވާފަތެރި ސިފައިން ވެސް ދިޔައީ ހޫތީންނާ ގުޅިގެން، މިހާރުގެ ރައީސް އަބްދުއްރައްބޫހް މަންސޫރުގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ސޯލިހު ވަނީ ޔަމަނަށް ދޭ ވައިގެ ހަމަލާތައް ހުއްޓާލާ، ބަނދަރުތައް ހުޅުވާލާ ނަމަ ސައުދީ ކޯލީޝަނާ އެކު މަޝްވަރާތައް ފަށަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި ކޯލީޝަނުން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ. ސޯލިހުގެ ހުށަހެޅުމާ ގުޅިގެން ހޫތީން ރުޅިގަދަވެ، އެންމެ ފަހުން ބުނެފައި ވަނީ ސޯލިހު ބަޣާވާތެއް ކޮށްފި ކަމަށެވެ.
ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައި ވަނީ ހާދީގެ ސަރުކާރެވެ.
ހާދީ އަށް ވަފާތެރި ސިފައިންނާ އެއްކޮޅަށް ސައުދީ ކޯލީޝަނުން 2015 ވަނަ އަހަރު ވައިގެ ހަމަލާތައް ދޭން ފެށި ފަހުން ޔަމަނުން މިހާތަނަށް 8،670 މީހުން މަރުވެފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. ޔަމަނުގެ ހަނގުރާމައިގެ ސަބަބުން 20.7 މިލިއަން މީހުން ވަނީ އިންސާނީ އެހީ އަށް ބޭނުންވެފަ އެވެ. މިދިޔަ އެޕްރީލް މަހުން ފެށިގެން ޔަމަނުގައި ފެތުރެމުންދާ ކޮލެރާގައި މިހާތަނަށް ވަނީ 2،211 މީހުން މަރުވެފަ އެވެ.