04 ޑިސެމްބަރ 2017 - 17:49

ޗައިނާ އާއި ރާއްޖެއާ ދެމެދު ގާއިމުކުރަން ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން އިންޑިއާ ކަނޑުގެ ސަލާމަތަށް ނުރައްކަލެއް ނޯންނާނެ ކަމަށް، ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ދިވެހި ސަރުކާރުން ނިންމައި މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ވެސް ދީފަ އެވެ. އަދި އަންނަ ބުދަ ދުވަހު ރައީސްގެ ދެ ކަނބަލުން ޗައިނާ އަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.
ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުންދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެ އަށް ނުރައްކަލެއް އޮތް ނަމަ އަވައްޓެރި ގައުމުތަކަށް ވެސް ނުރައްކާ ވާނެ ކަމަށާއި އެ އެއްބަސްވުމަކީ ރާއްޖެ އަށް ގެއްލުންވާނެ އެއްބަސްވުމެއް ނޫން ކަމަށެވެ.
"ޗައިނާއާ އެކު ހަދާ އެއްބަސްވުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތަށް ބުރުލެއް ނާރާނެ،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެއްބަސްވުމާއެކު ރާއްޖޭގެ އިގްތިސާދު އެތައް ގުނައަކަށް ކުރިއަރައިގެން ދާނެ ކަމަށެވެ. އަދި ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން ހަރުދަނާ ވާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ގާއިމުކުރުމާ ބެހޭ ގޮތުން ޗައިނާ އާއި ރާއްޖެއާ ދެމެދު 2014 ވަނަ އަހަރުން ފެށިގެން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އެ އެއްބަސްވުމުން ރާއްޖެ އަށް ލިބެން އޮތް ފައިދާތައް ރާއްޖެ އިން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނެ ކަމަށެވެ.
ސްރީލަންކާ އާއި އިންޑިއާއާ ދެމެދު ވެސް ދިވެހި ސަރުކާރުން އިގްތިސާދީ އެއްބަސްވުންތަކެއް ހަދާފައިވާކަން ފާހަކަ ކުރައްވައި ޝައިނީ ވިދާޅުވީ އެ އެއްބަސްވުންތައް އެހާ ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށެވެ.