އިދިކޮޅު މެމްބަރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
އިދިކޮޅު މެމްބަރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަން ކަމަށް ބުނާ މައްސަލައިގައި މަޖިލީހުގެ 12 މެމްބަރަކަށް ކުރާ ދައުވާގެ އަޑުއެހުން މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.

މިދިޔަ ޖުލައި މަހު މަޖިލީހަށް ގަދަކަމުން ވަން މައްސަލައިގައި ދައުލަތުން ދައުވާކުރާ ބޭފުޅުންގެ ތެރޭގައި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިން މެމްބަރަކު ވެސް ހިމެނެ އެވެ. އެއީ ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.

އެ މައްސަލައިގައި ދެން ދައުވާކުރަނީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހެންވޭޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ އަލީ ހުސައިނާއި ނޮޅިވަރަމު ދާއިރާގެ ހުސައިން އަރީފާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލްކަރީމް (ރުކުމާ)ގެ އިތުރުން ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއ ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް އަދި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހްގެ މައްޗަށެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަނީ މިދިޔަ ހަފުތާގައި ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލް ކުރުމަށް ފަހު އެވެ. މިދިޔަ ހަފުތާގައި ބާއްވަން އުޅުނު އަޑުއެހުން ކެންސަލްކުރީ އެ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮތުމުން އެހެން ދުވަހަކަށް އަޑުއެހުން ފަސްކޮށްދޭން މެމްބަރުން އެދުމުންނެވެ.

މެމްބަރުންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ސައުދާއި ވައްޑެ އަދި އަމީތުގެ މައްޗަށް އިިތުރު ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. އެއީ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމާފައި ވަނިކޮށް މަޖިލީހަށް ވަދެފައިވާތީ، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.