04 ޑިސެމްބަރ 2017 - 14:25

ސޯލް (ޑިސެމްބަރު 4) - އެމެރިކާގެ އެފް-22 ގެ ހަނގުރާމަ މަތީ ޖެޓްތައް ސައުތު ކޮރެއާ ސަރަހައްދަށް މިއަދު ވަދެއްޖެ އެވެ.
އެމެރިކާގެ ސެވަންތު އެއާ ފޯސް އޮފިޝަލަކު ވިދާޅުވީ އެފް-22 ބޯޓުތަކާ އެކު އެމެރިކާގެ އެއާފޯސް އަދި މެރިން ކޮޕްސްގެ އެފް-35 ގެ ބޯޓުތައް ވެސް ބައިވެރިވާނެ ކަމަށެވެ. އެމެރިކާގެ ބޯޓުތައް ސައުތު ކޮރެއާ އަށް ގެންގޮސްފައި މި ވަނީ ދެ ގައުމު ގުޅިގެން ފަށާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުމަށެވެ.
ހަނގުރާމައިގެ ފަރިތަކުރުންތައް ފަށާ އިރު ނޯތު ކޮރެއާގެ އޮފިޝަލުން ވަނީ ހަނގުރާމައިގެ އިންޒާރުތައް ދޭން ފަށައިފަ އެވެ. ނޯތު ކޮރެއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ "ނިއުކްލިއާ ހަނގުރާމައަކަށް ސަލާން ޖަހަމުން" ކަމަށެވެ. ނޯތު ކޮރެއާގެ ނިއުސް އެޖެންސީއަކުން ބުނީ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ބާއްވާ ތަމްރީނުތަކަކީ ނިއުކްލިއާ ހަނގުރާމައިގެ ތުންފަތް މައްޗަށް ގެންދާނެ ތަމްރީނުތަކެއް ކަމަށެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މެކްމާސްޓާ ކެލިފޯނިއާގައި ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ ކޮރެއާ ޕެނިންސުލާ ހަނގުރާމައަކަށް ގެންދިއުމުގެ ފުރުސަތު ދުވަހެއް ދުވަހެއް ބޮޑުވަމުންދާ ކަމަށެވެ.
އެމެރިކާ އާއި ސައުތު ކޮރެއާގެ ތަމްރީނުތަކުގައި 230 މަތިންދާ ބޯޓުގެ އިތުރުން 12،000 ސިފައިން ބައިވެރިވެ އެވެ.