މިސްރުގެ ކުރީގެ ބޮޑު ވަޒީރު ވިދާޅުވަނީ އޭނާ ކިޑްނެޕް ނުކުރާ ކަމަށް
މިސްރުގެ ކުރީގެ ބޮޑު ވަޒީރު ވިދާޅުވަނީ އޭނާ ކިޑްނެޕް ނުކުރާ ކަމަށް

ގާހިރާ (ޑިސެމްބަރު 4) - އަންނަ އަހަރު މިސްރުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ކުރީގެ ބޮޑު ވަޒީރު އަހުމަދު ޝާފިގު އިއުލާން ކުރެއްވުމާ އެކު އޭނާއާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ވަނީ ފެތުރިފަ އެވެ.

ދުބާއީގައި ދިރިއުޅުއްވި ޝާފިގު ވަނީ، އިންތިޚާބުގެ ޝައުގުވެރިކަން ފާޅުކުރުމާ އެކު މިސްރަށް ޑިޕޯޓްކޮށްލައިފަ އެވެ. އެއާ އެކު އޭނާގެ އާއިލާ އިން ވަނީ މިސްރަށް ވަޑައިގެންނެވި ތަނުން ޝާފިގު ގެއްލިއްޖެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޓީވީ އަށް ދެއްވި ލައިވް ފޯނު އިންޓަވިއުއެއްގައި ޝާފިގު އިއްޔެ ވިދާޅުވީ މިސްރުގައި އޭނާ ކިޑްނެޕް ނުކުރާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރަން އިއުލާން ކުރި ނަމަވެސް އެކަމާ ބެހޭ ގޮތުން އަލުން ވިސްނަމުންދާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޝާފިގު ޔޫއޭއީ އަށް ވަޑައިގެންނެވީ 2012 ވަނަ އަހަރު މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބުން ރައީސް މުހައްމަދު މުރްސީއާ ވާދަކުރައްވާ ނާކާމިޔާބުވުމުންނެވެ. އޭގެ ފަހުން ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރެފަ އެވެ. މުރްސީގެ ވެރިކަން ވައްޓާލުމަށް ފަހު، ދެން ވެރިކަމަށް ވަޑައިގެންނެވި އަބްދުލް ފައްތާހު ސީސީ ވަނީ ޝާފިގުގެ ކުށެއް ނެތް ކަމަށް ކަނޑައަޅައިފަ އެވެ.

ރައީސް ސީސީ ގެންދަވަނީ ދެ ވަނަ ދައުރެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިސްރުގެ ބޮޑު ވަޒީރުކަމަށް ޝާފިގު ހަމަޖެއްސީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރު އެވެ. ނަމަވެސް އޭނާ އަށް މަގާމުގައި ދެމިހުންނެވުނީ އެންމެ ތިން ހަފުތާ އެވެ. މުބާރަކުގެ ވެރިކަން ވެއްޓުމާ އެކު ޝާފިގުގެ މަގާމު ވެސް ވަނީ ގެއްލިފަ އެވެ.

މިސްރު ސިފައިންގެ އެއާ ފޯސް ޕައިލެޓެއް ކަމަށްވާ ޝާފިގު ވަނީ ވައިގެ ސިފައިންގެ ކޮމާންޑަރުކަން 1996-2002 އަށް ކުރައްވައިފަ އެވެ.