04 ޑިސެމްބަރ 2017 - 15:39

ސައޮޕައޮލޯ، ބްރެޒިލް (ޑިސެމްބަރު 4) - ބްރެޒިލްގެ ކްލަބް ގްރެމިއޯގެ މިޑްފީލްޑަރު އާތޯ އަށް ބާސެލޯނާ އިން ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ބުނެ ގްރެމިއޯ އިން ފީފާ އަށް މައްސަލަ ހުށަހަޅާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް ބާސެލޯނާ އިން އެ ކްލަބްގެ ކިބައިން މައާފަށް އެދެފި އެވެ.

ބާސެލޯނާ އިން އަންނަނީ އުމުރުން 21 އަހަރުގެ އާތޯ ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ގްރެމިއޯ އިން 1995 ވަނަ އަހަރަށް ފަހު މި ފަހަރުގެ ކޮޕަ ލިބަޓަޑޯރެސް ހޯދިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އާތޯ އެވެ.
ބާސެލޯނާ އާއި ގްރެމިއޯއާ ދެމެދު މައްސަލަ ހޫނުވީ ދާދި ފަހުން ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ރޮބާޓް ފެނާންޑޭޒް ދެކުނު އެމެރިކާ އަށް ކުރި ދަތުރުގައި ބްރެޒިލްގެ ހޮޓަލެއްގެ ތެރޭގައި އާތޯއާ ބައްދަލުކޮށް އޭނާ ބާސެލޯނާ ޖާޒީ ލައްވައިގެން ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އާތޯ އާއި ފެންނާންޑޭޒް ބައްދަލުވުންތައް ބޭއްވީ އާތޯގެ އާއިލާގެ ބައެއް މެމްބަރުންނާ ވެސް އެކުގަ އެވެ.
މިކަމުގެ ސަބަބުން ގްރެމިއޯގެ އޮފިޝަލަކު ބްރެޒިލްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ގްރެމިއޯގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކަށް ބާސެލޯނާ އިން ގަވައިދާ ހިލާފަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި އެކަން ފީފާ އަށް ހުށަހަޅާނެ ކަމަށެވެ.
އެހެން ނަމަވެސް ބާސެލޯނާގެ އޮފިޝަލަކު މިއަދު ސްޕެއިނުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވަނީ ގްރެމިއޯ ކިބައިން މައާފަށް އެދިފަ އެވެ. އަދި ފެނާންޑޭޒްގެ ފަރާތުން ފެނުނު ކަންތައްތައް އެ ކްލަބުން ބަލާނެ ކަމަށް ވަނީ ބުނެފަ އެވެ.
ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ބާސެލޯނާ އިން އާތޯއާ ބައްދަލުކުރީ މި މަހު 13 ވަނަ ދުވަހު ފަށާ ކްލަބް ވޯލްޑް ކަޕްގެ ކުރިން އޭނާއާ އެކު އެއްބަސްވުމަަކަށް އައުމަށެވެ. އަދި ކްލަބް ވޯލްޑް ކަޕްގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިއްޖެ ނަމަ ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ވެސް އޭނާ ގެންދަން މަސައްކަތްކުރާނެ ކަމުގެ ބިރު އޮތުމުންނެވެ.
ގްރެމިއޯ އިން އާތޯ ވިއްކަން ކިޔާ އަގަކީ 44 މިލިއަން ޕައުންޑެވެ.