ޑީޕޯޓްކޮޮށްފައިވާ ބިދޭސީ ފިރިމީހާ ގެންނަން ދިވެއްސަކު ކުރި ދައުވާ ކާމިޔާބެއް ނުވި
ޑީޕޯޓްކޮޮށްފައިވާ ބިދޭސީ ފިރިމީހާ ގެންނަން ދިވެއްސަކު ކުރި ދައުވާ ކާމިޔާބެއް ނުވި

ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާފައިވާ ބިދޭސީއަކާ ދިވެހި އަންހެނަކު ކައިވެނިކޮށް، ފިރިމީހާގެ ޑީޕޯޓް ކެންސަލް ކުރަން ދައުލަތާ ދެކޮޅަށް ކުރި ދައުވާ ނާކާމިޔާބުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ސުމޮން މިއާއަށް ރާއްޖެ ނާދެވޭ ގޮތަށް އުމުރަށް ޑީޕޯޓްކޮށްލާފައި ވަނިކޮށް ދިވެހި އަންހެނަކު ވަނީ އޭނާއާ ކައިވެނިކޮށްފަ އެވެ. އެކަމަކު އެ ކައިވެނިކުރީ ކޮން ގައުމެއްގައި ކަމެއް ސާފެއްނުވި އެވެ.

އެ ކައިވެންޏަށް ފަހު އަންހެން މީހާގެ ފަރާތުން ސިވިލް ކޯޓުގައި ދައުލަތާ ދެކޮޅަށް ދައުވާކުރީ ސުމޮން ޑީޕޯޓް ކުރި ކުރުން ކެންސަލްކޮށް، އޭނާއަށް ރާއްޖެ އާދެވޭ ގޮތް ހެދުމަށެވެ.

އެކަމަކު މިދިޔަ މަހުގެ 26 ގައި ސިވިލް ކޯޓުން ނިންމީ ސުމޮން ޑީޕޯޓްކުރި ކުރުން ކެންސަލް ކުރަން އިމިގްރޭޝަންގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.

ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި ރާއްޖެ ނާދެވޭ ގޮތަށް ސުމޮން އުމުރަށް ޑީޕޯޓްކޮށްލީ ބަދު އަޚުލާގީ މައްސަލައެއްގެ އިތުރުން ދޮގު މައުލޫމާތު ދީގެން ރާއްޖެ އައިސް، އިމިގްރޭޝަންގެ ގާނޫނާ ޚިލާފްވެފައިވާތީ އެވެ. އަދި އޭނާ ޑީޕޯޓްކޮށްލީ ގާނޫނާ ޚިލާފަށް ކަން އަނބިމީހާއަށް ސާބިތުކޮށް ނުދެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ސުމޮން ދިވެހި އަންހެން މީހާއާ ކައިވެނިކުރީ އޭނާ ޑީޕޯޓްކުރި ފަހުންނެވެ. އަދި ޑީޕޯޓްކޮށްފައިވާ މީހަކާ ދިވެއްސަކު ކައިވެނި ކުރުމަކީ ޑީޕޯޓްކުރި ކުރުން ކެންސަލް ކުރަން ޖެހޭ ގާނޫނީ ސަބަބެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.