04 ޑިސެމްބަރ 2017 - 11:29

ދާދި ފަހުން މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފުކުރި ޕާސްޕޯޓް ކާޑަށް އާސަންދައިގެ ހިދުމަތްތައް ވެސް ލިބޭނެ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެކޭ އެއްގޮތަށް ޕާސްޕޯޓް ކާޑަކީ ވެސް ކާކުކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ބަލައިގަންނަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އާސަންދައިގެ ހިދުމަތް ދޭއިރު ވެސް ޕާސްޕޯޓް ކާޑް ބަލައިގަންނަން ނިންމާފައިވާ ކަމަށެވެ.
ބައިނަލްއަގުވާމީ ބައެއް ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ވެސް ޕާސްޕޯޓް ކާޑު ބޭނުންކުރެވެ އެވެ. އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަ ކާޑާއި އެލައިޑް އިންޝުއަރެންސްގެ ހިދުމަތްތައް ވެސް އެ ކާޑު ބޭނުންކޮށްގެން ލިބެ އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ބައެއް މަންޒިލްތަކަށް ދަތުރުކުރަން ޕާސްޕޯޓްގެ ގޮތުގައި ޕާސްޕޯޓް ކާޑު މިހާރު ވެސް ބޭނުންކުރެ އެވެ. އެކަމަކު ވިޔަފާރީގެ މުއާމަލާތްތަކާއި އިންޝުއަރެންސް ފަދަ ހިދުމަތްތައް ލިބޭ ގޮތަށް ރާއްޖޭގައި ނޫނީ އަދި ޕާސްޕޯޓް ކާޑު ހަދާފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.