04 ޑިސެމްބަރ 2017 - 11:12

ހުއްދަ ނެތި ރާއްޖެއިން ބޭރުން އެތެރެކުރާ ގަހާއި ގަހުގެ ބައިތައް ނައްތާލާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި އެގޮތަށް ބުނީ ސްކޫލް ބަންދު ދުވަސްވަރަކަށް ވާތީ ރާއްޖެއިން ބޭރަށް ގިނަ ބަޔަކު ދަތުރުކޮށް އެނބުރި އަންނަ އިރު މިނިސްޓްރީގެ ހުއްދަ ނެތި، ބޭރުން ގަހާއި ގަހުގެ ބައިތައް އެތެރެކުރާތީ އެވެ.
މިނިސްޓްރީގެ އިއުލާންގައި ބުނީ ހުއްދަ ނެތި އެފަދަ ތަކެތި އެތެރެކުރުމަކީ މަނާ ކަމެއް ކަމަށާއި ހުއްދަ ނަގައިގެން ވެސް އެފަދަ ތަކެތި އެތެރެކުރެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނާއި މާލޭ ކޮމާޝަލް ހާބަރުން އެކަނި ކަމަށެވެ.
އޭގައި ބުނެފައިވާ ގޮތުގައި ރާއްޖެ އެތެރެކުރާ އެއްވެސް ގަހެއްގައި ވެލި ނުވަތަ ކާދު (ކޮމްޕޯސްޓް) ހުރެގެން ނުވާނެ އެވެ.
ގަހާއި ގަހުގެ ބައިތައް ރާއްޖެ އެތެރެކުރާ ނަމަ ފިޝަރީޒް މިނިސްޓްރީން ދޭ ހުއްދައިގައި ބަޔާންކޮށްފައިވާ ލިޔުންތަކާ އެކު އެއާޕޯޓުގައި ހުންނަ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓަށް ހުށަހަޅަން ޖެހެ އެވެ.