04 ޑިސެމްބަރ 2017 - 10:27

މެންޗެސްޓާ (ޑިސެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް އަންނަ ސަސްޕެންޝަން އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އާސެނަލް އަތުން ޔުނައިޓެޑް 3-1 އިން މޮޅުވި މެޗުގެ ދެ ވަނަ ހާފުގައި ޕޮގްބާ އަށް ރަތް ކާޑު ދެއްކީ އާސެނަލްގެ ހެކްޓަ ބެލެރިން އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
ސީދާ ރަތް ކާޑެއް ދެއްކުމުން ތިން މެޗުގެ ސަސްޕެންޝަނެއް އަންނައިރު، ރަތް ކާޑު ދެއްކި ވަގުތު މެޗުގެ ރެފްރީ އަންދްރޭ މެރިނާގެ އެ ނިންމުމަށް ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން ޕޮގްބާ ވަނީ އަަތްޖަހައިފަ އެވެ. މީގެ ސަބަބުން އިތުރު އެއް މެޗުގެ ސަސްޕެންޝަނެއް ޕޮގްބާ އަށް އަތުވެދާނެ ކަމަށް ބެލެވެ އެވެ.
ޕޮގްބާގެ ސަސްޕެންޝަނާ ގުޅޭގޮތުން އިނގިރޭސި އެފްއޭ އިން އެންމެ ފަހުގެ ގޮތް ނިންމާނީ މެޗު ރެފްރީ އަންދްރޭ މެރިނާގެ މެޗު ރިޕޯޓަށް ބެލުމަށް ފަހު އެވެ. އަދި އިނގިރޭސި އެފްއޭގެ ޕެނަލުގައި މަޝްވަރާ ކުރުމަށް ފަހު އެވެ.
ރަތް ކާޑުގެ ސަބަބުން ޕޮގްބާ އަށް އަންނަ ހަފްތާގައި ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗު ގެއްލޭނެ އެވެ. ޕޮގްބާ ނެތި ސިޓީއާ ދެކޮޅަށް ކުޅެން ޖެހުމަކީ ޔުނައިޓެޑަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެއީ ޕޮގްބާ އަށް ލިބުނު އަނިޔާ ގުޅިގެން އޭނާ ކުޅުމާ ދުރަށްދާން ޖެހުމުން ފާއިތުވި ދެ މަސް ތެރޭ ޔުނައިޓެޑުގެ ނަތީޖާތައް ދަށްވެފައިވުމުންނެވެ.
އާސެނަލް މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ޕޮގްބާ އަށް ދެއްކި ރަތް ކާޑާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ސީދާ ޖަވާބު ދޭން އިންކާރުކޮށްފަ އެވެ. އޭނާ ބުނީ އެ ފައުލުގައި ކަންތައް ހިނގި ގޮތް އެންމެ ރަނގަޅަށް ނޭނގޭ ކަމަށާއި ޔަގީނުން ވެސް އެނގޭ އެއްޗަކީ ޕޮގްބާ ގަސްތުގައި އެއްވެސް ކުޅުންތެރިއަކަށް ހަމަލާ ނުދޭނެކަން ކަމަށެވެ.