07 ޖުލައި 2016 - 20:29

މިއަހަރުގެ ދިރާގު ރޯޑް ރޭހުގައި ބައިވެރިވާން ބޭނުންވާ އަމިއްލަ ޖަމިއްޔާ ޖަމާއަތް (އެންޖީއޯ) ތަކަށް އެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

"ދިރާގު މޯލްޑިވެސް ރޯޑް ރޭސް" ބާއްވާތާ މިއީ 10 ވަނަ އަހަރެވެ. އަދި މީގެ ކުރީ އަހަރުތަކާ އެއްގޮތަށް މި އަހަރުގެ ރޭހުގެ ޝިއާރަކަށް ވެސް ކަނޑައަޅާފައި ވަނީ ކުޑަކުދިން ރައްކާތެރި ކުރުމާއި އެކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވި ގޮތުގައި މި އަހަރުގެ ރޭހުގައި ބައިވެރިވާ ޖަމިއްޔާތައް ހޮވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށެވެ.
އަދި ހޮވޭ ޖަމިއްޔާތަކަށް ރޭހުގެ ބައިވެރިން ވޯޓު ލައިގެން، އެންމެ ގިނަ ވޯޓު ލިބޭ ފަސް ޖަމިއްޔާއަކަށް 20،000ރ. ގެ މަގުން ޖުމްލަ 100،000ރ. ހަދިޔާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރޭހުގައި ބައިވެރިވާން އެދި ހުށަހަޅާ ޖަމިއްޔާތަކަކީ، އިމްޖާދު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެދެވޭ މަސައްކަތްތަކެއް ކޮށް، ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ރާވާފައިވާ ޖަމިއްޔާއަކަށް ވާން ޖެހޭނެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދިރާގުން ހަދިޔާ ކުރާ ފައިސާގެ އިތުރުން، ދުވުމުގެ ބައިވެރިންނަށް ޓީޝާޓް ވިއްކައިގެން ފައިސާ ހޯދުމުގެ ފުރުސަތު ވެސް ޖަމިއްޔާތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
ރޭހުގައި ބައިވެރިވުމަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 ގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، މި ދާއިރާ އަށް މަސައްކަތް ކުރާ ރާއްޖޭގެ ކޮންމެ ޖަމިއްޔާއަކަށް ވެސް ހުށަހެޅޭނެ އެވެ. އިމްޖާދު ވިދާޅުވީ ބައިވެރިވާން ހުށަހަޅަންޖެހޭ ތަކެއްޗާއި އިތުރު މައުލޫމާތު، ރޭހަށް ހާއްސަ ވެބްސައިޓް www.dmrr.mv އިން ލިބޭނެ ކަމަށެވެ.
މި އަހަރުގެ ރޭސް ބާއްވާނެ ދުވަހަކާއި ބައިވެރިވުމުުގެ ފުރުސަތު މި މަހު ފަހުކޮޅު އިއުލާން ކުރާނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި އެ އިއުލާނުގައި، ބައިވެރިވާ ޖަމިއްޔާތަކާއި ޕާޓްނަރުންގެ ނަންތައް ވެސް ހިމަނާނެ ކަމަށް ބުނެ އެވެ.