ފަހު ވަގުތު މިލާން ކޮޅަށް ކީޕަރު ޖެހި ގޯލުން ބެނެވެންޓޯ އަށް ތާރީހީ ޕޮއިންޓެއް
ފަހު ވަގުތު މިލާން ކޮޅަށް ކީޕަރު ޖެހި ގޯލުން ބެނެވެންޓޯ އަށް ތާރީހީ ޕޮއިންޓެއް

މިލާން، އިޓަލީ (ޑިސެމްބަރު 4) - ފަހު ވަގުތު ގޯލްކީޕަރު އަލްބާޓޯ ބްރިނޯލީ ވައްދާލި ގޯލުން އޭސީ މިލާންއާ 2-2 އިން އެއްވަރުކޮށް ބެނެވެންޓޯގެ ތާރީހުގައި އިޓާލިއަން ސެރިއާގައި ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ.

މި މެޗުގެ ކުރިން މި ފަހަރު އަލަށް ސެރިއާގައި ވާދަކުރާ ބެނެވެންޓޯ ވަނީ ކުޅުނު 14 މެޗުން ބަލިވެފަ އެވެ. މިއީ ޖެހިޖެހިގެން ބަލިވުމުގައި ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގެ ވެސް ރެކޯޑެކެވެ. ޖެނާރޯ ގަޓޫސޯގެ ކޯޗުކަމުގައި މިލާން ކުޅުނު މި މެޗުގައި އެ ޓީމަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ ޖިއަކޯމޯ ބޮނަވެންޗޫރާ އެވެ. ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނިޓްގައި ބެނެވެންޓޯ އަށް އެއްވަަރުކޮށްދިނީ ޖޯޖް ޕުސްކަސް އެވެ.

ފަނަރަ މެޗުން 21 ޕޮއިންޓާ އެކު މިލާން އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ.

މިލާނަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ނިކޮލަ ކަލިނިޗް އެވެ. އެ ޓީމަށް އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ މެޗުގެ 75 ވަނަ މިނިޓްގައި އަލެސިއޯ ރޮމަނޯލީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ބެނެވެންޓޯ އަށް އެއްވަރުކޮށްދިން ގޯލު އުމުރުން 26 އަހަރުގެ ކީޕަރު ބްރިނޯލީ ކާމިޔާބުކުރީ އެ ޓީމުގެ ކުޅުންތެރިއަކު ނަގައިދިން ކޯނަރަކުން ބޮލުންނެވެ. މިއީ 2001 ވަަނަ އަހަރަށް ފަހު އިޓަލިއަން ސެރިއާގައި ކީޕަރަކު ލަނޑުޖެހި ފުރަތަމަ ފަހަރެވެ.

"އަހަރެން އުފާވަނީ އަހަންނަށްޓަކެއް ނޫން. މުޅި ޓީމަށް ޓަކައި އުފާކުރަން. ފަހު ވަގުތު ވަދެފައި ހުރި ގޯލުތަކުން އަހަރެމެންނަށް މީގެ ކުރިން ހުރީ ހުސް ހިތާމަ ލިބިފައި. އެކަމަކު މި ފަހަރު އަހަރެމެންނަށް މި ލިބުނީ އުފާވެރިކަން،" ޔުވެންޓަސް އިން ލޯން އެއްބަސްވުމެއްގެ ދަށުން ބެެނެވެންޓޯ އަށް ކުޅެމުން އަންނަ ބްރިނޯލީ ބުންޏެވެ.

މިލާންގެ ކޯޗު ގަޓޫސޯ ބުނީ މިއީ އޭނާ ކުޅުނު ދުވަސްވަރު ވެސް ކުރިމަތިލާން ޖެހުނު ފަދަ ކަމެއް ނޫން ކަމަށާއި މިއީ ލިބުނު ބޮޑު ދެރައެއް ކަމަށެވެ.

"ގައިގައި ވަޅިއެއް އަޅައިގެން ވެސް ކުރާ އަސަރު ވެސް މިއަށް ވުރެން ރަނގަޅުވާނެ. އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި ވެސް ތަޖުރިބާ ނުކުރަން އިދިކޮޅު ޓީމުގެ ގޯލްކީޕަރު ފަހު ވަގުތު ލަނޑެއް ޖަހައިގެން އަހަރެމެންނަށް ގެއްލުމެއްވި ކަމެއް،" ގަޓޫސޯ ބުންޏެވެ.

ލީގުގައި ރޭ އިވާން ޕެރިސިޗްގެ ހެޓްރިކާ އެކު 3-0 އިން ކިއޭވޯ ބަލިކޮށް އިންޓަ ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. މި ސީޒަނުގައި އިޓަލިއަން ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު ކަމަށްވާ އިންޓަ އެއް ވަނަ އަށް ޖެހިލީ 15 މެޗުން 39 ޕޮއިންޓް ހަމަކޮށްގެންނެވެ.