ބިގް ބޮސް: ސަލްމާން ޝިލްޕާއަށް ތަފާތުކުރޭތަ؟
ބިގް ބޮސް: ސަލްމާން ޝިލްޕާއަށް ތަފާތުކުރޭތަ؟

"ބިގް ބޮސް 11"ގެ ފޭނުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ގަބޫލުކުރަނީ ޝޯގެ ހޯސްޓް ސަލްމާން ޚާންގެ ހިތުގައި އެ ޝޯގެ ބައިވެރިޔެއް ކަމަށްވާ ޝިލްޕާ ޝިންޑޭ އަށް ހާއްސަ މަގާމެއް އޮންނަ ކަމަށެވެ. މީގެ ކުރިން ޝޯގެ އެހެން ބައިވެރިޔެއް ކަމަށްވާ ހީނާ ޚާން ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކާފަ އެވެ. މިދިޔަ ހަފުތާގައި ހީނާ ބުނެފައިވަނީ "ބިގް ބޮސް" ޕްރޮޑިއުސްކުރާ ފަރާތަށް ޝިލްޕާ ކުރާ ގޯސްކަމެއް އެއްގޮތަކަށް ވެސް ނުފެންނަ ކަމަށާއި އެމީހުން ތިބެނީ އޭނާއާ އެއްކޮޅަށް ޖެހިފައި ކަމަށެވެ.

ހީނާ މިހެން ބުނީ ޝިލްޕާ އަށާއި އަރްޝީ ޚާންގެ ސިފަޔަށް ޕްރިޔަންކް ޝަރުމާ މަލާމާތްކުރުމުން ހީނާ އެކަން ނުހުއްޓުވީ ކީއްވެތޯ ސަލްމާން ސުވާލު ކުރުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ހަގީގަތުގައި ވެސް ޝިލްޕާ އަކީ މިހާރު ބިގް ބޮސްގެ ގޭގައި މިވަގުތުހުރި އެންމެ ރަނގަޅު އަދި އެންމެ ގިނަ ބަޔަކު ލޯބިވާ ބައިވެރިޔާ އެވެ. ޝޯގައި ޝިލްޕާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަދިގޭގައި އެންމެންނަށް ކައްކައި 5000 ރޮށި ފިހުމުގެ ރެކޯޑް ވެސް ގާއިމުކޮށްފަ އެވެ.

ކުރީ ހަފުތާގައި ސަޕްނާ ޗައުދަރީ ގެއިން ބޭރުވުމަށް ފަހު މި ހަފުތާގައި ބިގް ބޮސްގެ ގެއިން ނުކުންނަން ޖެހުނީ ބަންދަގީ ކާލްރާ އަށެވެ. ބަންދަގީ ނުކުންނަން ޖެހުމަކީ ޕުނީޝް ޝަރުމާ އަށް ވަރަށް ހިތާމަ ލިބުނު ކަމެކެވެ. ސަބަބަކީ ފާއިތުވީ ދުވަސްތަކުގައި ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައި ވާތީ އެވެ.

މި ހަފުތާގައި ބަންދަގީއާ އެކު ނޮމިނޭޓް ވީ ލަވް ތިޔާގީ އެވެ. އަދި ގިނަ މީހުން ހީކުރީ ގެއިން ނިކުންނަށް ޖެހޭނީ ވެސް އޭނާއަށް ކަމަށެވެ. ނަމަވެސް ބަންދަގީގެ މަގުބޫލުކަން ގެއްލެމުންދާތާ ދުވަސްކޮޅެއް ވެފައި ވުމާއެކު އޭނާއަށް ނިކުންނަން ޖެހުމަކީ ވެސް މާ ހައިރާންކަން ލިބުނު ނަތީޖާއެއް ނޫނެވެ.

ބަންދަގީ އަކީ ވަރަށް މަޝްހޫރު ކުންފުންޏެއްގައި ސޮފްޓްވެއާ އިންޖިނިއަރެއްގެ ވަޒީފާ އަދާކުރާ މީހެކެވެ.