ސްމާޓް ޑިވައިސްތަކުގެ ކޮންޓްރޯލް އިނގިއްޔަށް
ސްމާޓް ޑިވައިސްތަކުގެ ކޮންޓްރޯލް އިނގިއްޔަށް

މުހިއްމު ޖަލްސާއެއްގެ މެދުތެރެއިން ފޯނަށް ޖަވާބު ދިނުމަކީ ނުވަތަ ފޯނާ ކުޅުމަކީ ހުތުރު ކަމެއްގެ ގޮތުގައި ބައެއް ފަހަރު ސިފަވެ އެވެ. މިއޮތީ މިކަމަށް ވެސް ހައްލެކެވެ. އަތުގެ އިނގިއްޔެއްގެ އިޝާރާތުން ފޯނުގެ އަޑު ކަނޑާލަންވީ އެވެ.

ޖޯޖިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ރިސާޗަރުންގެ ޓީމަކުން މިކަމަށް އުފެއްދީ އަނގޮޓިއެކެވެ. މި އަނގޮޓިއަށް ކިޔަނީ ފިންގަސައުންޑް ރިންގެވެ. މިއީ އަތުގެ ބޮޑުވައި އިނގިލީގައި އަޅަން ފަރުމާކޮށްފައިވާ އެއްޗެކެވެ. މި އުފެއްދުމުގެ މޭސްތިރި ކަމަށްވާ ޗެންގް ޒަންގް ބުނީ މީގެ އަނގޮޓިން އިޝާރާތް ކުރަނީ އަޑާއި ހަރަކާތުން ކަމަށްވާތީ ހަމައެކަނި ހަރަކާތަށް ބަރޯސާވާ ޑިވައިސްތަކަށްވުރެ މީގެ އަނގޮޓިން ދޭ މެސެޖުތައް މާ ސީދާވާނެ ކަމަށެވެ.

ފިންގަސައުންޑް ރިންގް އުފައްދާފައިވަނީ ކުދި މައިކްރޮފޯނުތަކާއި ޖައިރޮސްކޯޕްތަކުންނެވެ. ޖައިރޯސްކޯޕްތަކުން ދެނެގަންނާނީ އަނގޮޓި ހުރި މިސްރާބެވެ.

މައިކްރޮފޯނަކީ ގިނަ އަޑުތަކެއް ނަގާ އެއްޗެކެވެ. ވީމާ، މި އަނގޮޓި އުފައްދާފައި ވަނީ މިގޮތަށް ރައްކާކުރެވޭ އަޑުތަކުގެ ތެރެއިން ބޭކާރު އަޑުތައް ފުރާނަން ފިލްޓަރުތަކެއް ހިމަނައިގެންނެވެ. މި ފިލްޓަރުތަކުން އަޑުތައް ފުރާނާލުމުން ބޮޑުވައި އިނގިލިން އެހެން އިނގިލިތަކުގެ ބަނޑުފުށުގައި ކުރަހާ ކުރެހުން ދެނެގަނެ، އެއަށް އިޖާބަދެވެއެވެ. މި އަޑުތަކާއި ހަރަކާތްތަކަކީ ދުރާލައި އަނގޮޓީގައި ރައްކާކޮށްފައިވާ އަޑުތަކާއި ހަރަކާތްތަކެކެވެ.

ފިންގަ ސައުންޑް އަނގޮޓިއަކީ ނުތަންވަޅު ރިންގުވާ ފޯނުތައް ދަބަސްތެރެއިން ހޯދައި ނުފެނި އުޅެންޖެހޭ ހާލަތު ބަދަލުކުރުވާނެ އީޖާދެކެވެ.