އަތުން އަނބުރާ ދޮންނަ މެޝިނެއް
އަތުން އަނބުރާ ދޮންނަ މެޝިނެއް

ހުނިގާނާ ދައްޗެއްހެން މަސައްކަތްކުރާ ދޮންނަ މެޝިނެއް ދުށިންހެއްޔެވެ؟ އެކަމަކު މިއީ ދޮންނަ މެޝިނުގެ ޓެކްނޮލޮޖީގައި ފަހަތަށް އެޅި ފިޔަވަޅެއް ނޫނެވެ. އެކަމަކު ތިމާވެށީގެ ހިމާޔަތަށް މުހިންމު ކަމެކެވެ.

ކަރަންޓާ ނުލައި، އަތުން އަނބުރާ ގޮތަށް ފަރުމާކޮށްފައިވާ މީގެ މެޝިނަށް ކިޔާ ނަމަކީ "ޖެންޓްލް ވޮޝަ" އެވެ. ނަމުން ވެސް އެނގޭ ގޮތުގައި މިއީ އަންނައުނުތަކަށް ރައްކާތެރި ދޮންނަ މެޝިނެކެވެ.

ނެދަލަންޑްސްގެ ޖެންޓްލް ވޮޝަ ކުންފުނިން އުފެއްދި މީގެ މެޝިނަކީ އަތުން ދޮންނަންޖެހޭ އަންނައުނު ދޮވުމަށް އަމާޒުކޮށް އުފައްދާފައިވާ މެޝިނެކެވެ. އާންމު މެޝިންތަކަށް އަޅަންޖެހޭ ވަރަށް ފެން އަޅާކަށް ނުޖެހެއެވެ. ކަރަންޓާ ގުޅާކަށް ނުޖެހެއެވެ. ދޮވުމަށް ހޭދަވަނީ އެންމެ ފަސް މިނިޓެވެ.

މި މެޝިން އުފައްދާފައި ވަނީ ދަތުރުމަތީގަ އާއި ގޭތެރޭގައި ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. ދޮވުމަށް ތައްޔާރުކުރުމަށްޓަކައި ކުރަންޖެހޭހާ ވެސް ކަމަކީ ހެންޑެލި ހަރުކުރުމާއި ފެންހޮޅިއެއް ގުޅާލުމެވެ. ދޮންނަން ބޭނުންވާ އަންނައުނު އެޅުމަށް ފަހު ޑިޓަޖަންޓް ފުޅިން ސައިސަމުސަލެއްގެ އެތިފޮދެއް އަޅާނީއެވެ. އެއަށްފަހު ދެ މިނިޓެއްހާއިރު ވަންދެން ހެންޑެލި އަނބުރާނީއެވެ. ދެން މަތިގަނޑު ކަހާލައި، އަންނައުނުތައް ހަމަޖައްސާލުމަށް ފަހު އަލުން ދެ މިނިޓެއްހާއިރު ވަންދެން އަނެއްކާވެސް ހެންޑެލި އަނބުރާލުމުން ފެން ލެވުނީއެވެ. ހިއްކަން އަޅާނީ ކޮނޑުގައެވެ. އަންނައުނު ދޮވުމަށް އެ ހޭދަވީ އެންމެ ފަސް މިނިޓެވެ. ބޭނުންކުރެވުނީ ސަތާރަ ލީޓަރުގެ ފެނެވެ. އާންމުކޮށް މި ގެންގުޅޭ ދޮންނަ މެޝިނަށް ފަންސާހަކަށް ލީޓަރުގެ ފެން ބޭނުންވެއެވެ.

ޖެންޓްލް ވޮޝަ އިން ދޮވެލުމުން އާދައިގެ މޮޅު މެޝިނަކުން ދޮވެލީމާ ހުންނަހާ ސާފުވާނެކަމަށް އެ އުފެއްދި މީހުން ބުނެ އެވެ.

ޖެންޓްލް ވޮޝަ އުފެއްދި ކުންފުނީގެ މަގްސަދީ ދޮންނަ މެޝިނެއް ނުލިބޭ ފެންވަރުގެ މީހުންނަށް ވެސް މެޝިނެއް ލިބޭނެ މަގު ފަހިކުރުމެވެ. މިހާރު އެކުންފުނިން ވިއްކަމުން އަންނަ މެޝިނަކީ ހުޅަނގުގެ ތަރައްގީވެފައިވާ މުޖުތަމައުތަކަށް އަމާޒުކޮށް އުފައްދާފައިވާ މެޝިނެކެވެ. މި މެޝިނު ވިއްކައިގެން ލިބޭ ފައިދާއިން ކޮންމެ މީހަކަށް މެޝިނެއް ލިބޭނެ ގޮތެއް ވޭތޯ އެކުންފުނިން އަންނަނީ ބަލަމުންނެވެ. ދުނިޔޭގެ ބާޒާރުގައި މިހާރު ޖެންޓްލް ވޮޝަ ލިބެން ހުރީ 269 ޑޮލަރަށެވެ.