04 ޑިސެމްބަރ 2017 - 08:32

ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ އަންހެން ބައިގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް އަތުން ޏ. ފުވައްމުލަކަށް ނިސްބަތްވާ މިސްކިތްމަގު އެކުވެރިންގެ ގުޅުން މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުން މޯލްޑިވިއަންގެ މައްޗަށް މިސްކިތްމަގުން ކުރިހޯދީ ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-19، 25-15 އަދި 25-14 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިސްކިތްމަގަށް ކުޅޭ ބިދޭސީ ކުޅުންތެރިއާ ނިރްމަލާ އެވެ.
މުބާރާތުގެ ފިރިހެން ބައިގައި ރޭ ކުޅުނު މެޗުން މާޒިޔާ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބުން ވަނީ ދެ ވަނަ މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަމަ މެޗުން ސިފައިން ވަނީ ވަރުގަދަކޮށް އޮތް ސީލައިފް ސްޕޯޓްސް ކްލަބްގެ މައްޗައް ވެސް ކުރިހޯދައިފަ އެވެ.
މާޒިޔާ އަތުން ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-15، 28-26 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ޝާހިދު އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ އަންހެން ބައިގެ މެޗެކެވެ. ބައްދަލުކުރާނީ މިސްކިތްމަގާއި ޕޮލިސް ކްލަބެވެ. މިރޭ ކުޅޭ ފިރިހެން ބައިގެ މެޗުގައި ސީލައިފް ނުކުންނާނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. މިއީ އެސޯސިއޭޝަން ކަޕް ފައިނަލަށް ފަހު މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ މެޗެވެ.