06 ޑިސެމްބަރ 2017 - 06:28

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރްގެ "ޓައިގާ ޒިންދާ ހޭ"ގެ މުޅިން އާ ލަވައެއް ހޯމަ ދުވަހު ވަނީ ލޯންޗުކޮށްފަ އެވެ. ސަލްމާން ޚާނާއި ކެޓުރީނާ ކައިފް ކުޅެފައިވާ "ދިލް ދިޔާން ގައްލާން" އަކީ ވަރަށް އަސަރުގަދަ ރީތި ލަވަ އެކެވެ. ޑައިރެކްޓަރު ބުނި ގޮތުގައި މިއީ ރޮމޭންސް ފިލްމުތަކުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި ޔާޝް ޗޯޕްރާގެ ހަނދާނުގައި ކުރި ހަދިޔާއެކެވެ.
އޮސްޓްރިއާގެ ވަރަށް ރީތި ހިސާބެއްގައި ޝޫޓްކޮށްފައިވާ މި ލަވައިގައި ހަގީގަތުގައި ވެސް ޔާޝް ޗޯޕްރާގެ ފިލްމުތަކުގެ ލަވަތަކުގައި ހުންނަ ކަހަލަ އިހްސާސްތަކެއް އެބަހުއްޓެވެ.
"އަހަރެން އަބަދުވެސް ޔާޝް ޗޯޕްރާގެ ރީތި ލޯބީގެ ލަވަތަކަށް ޓްރިބިއުޓެއް ދޭން ބޭނުންވި. އަހަރެންނަށް ކުޑައިރުއްސުރެ ވެސް އެ ލަވަތައް ވަރަށް ހިތްގައިމު. އެހެންވެ ދިލް ދިޔާން ގައްލާން ލިބުނީމަ އަހަރެން ވަރަށް އުފާވި. އަދި އެ ލަވަ ޔާޝް ޗޯޕްރާ އުފައްދާ ލަވަތަކާ އެއްގޮތަށް އުފައްދަން ބޭނުންވި. ޓައިގާ ޒިންދާ ހޭ އަކީ ޔާޝްރާޖް ޕްރޮޑަކްޝަންގެ ފިލްމަކަށް ވާތީ އާއެކު މި ލަވަ އެހާ ޚާއްސަ ވެފައިވަނީ،" ޑައިރެކްޓަރު ބުންޏެވެ.
ވިޝާލް-ޝޭކަރް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވަ ލިޔެފައިވަނީ އިރްޝާދު ކާމިލް އެވެ. އާތިފް އަސްލަމްގެ އަސަރުގަދަ އަޑުން މި ލަވަ އިވުމުން ގިނަ ބަޔަކަށް ޔާޝް ޗޯޕްރާ މަތިން ހަނދާން ވާނެކަން ޔަގީނެވެ.
ވައިބަވީ މާޗަންޓް ކޯރިއޮގްރާފްކޮށްފައިވާ މި ލަވައިގައި ސަލްމާނާއި ކެޓުރީނާގެ ލޯބީގެ މަންޒަރުތައް ވެސް ބެލުންތެރިންގެ ހިތް އަތުލާނެ އެވެ. ލަވަ ރިލީޒްކުރިތާ އެންމެ 24 ގަޑިއިރު ތެރޭގައި 10 މިލިއަނަށް ވުރެ ގިނަ ފަހަރު މި ލަވަ ޔޫޓިއުބުން އެކަނި ބަލާފައި ވެއެވެ. މިކަމުން ވެސް ބެލުންތެރިންނަށް ލަވަ ވަރަށް ކަމުގޮއްސި ކަން ޔަގީން ވެއެވެ.
"ޓައިގާ ޒިންދާ ހޭ" ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.