03 ޑިސެމްބަރ 2017 - 16:14

ސަންއާ (ޑިސެމްބަރު 3) - ޔޫއޭއީގެ އަބޫ ދާބީގެ ނިއުކްލިއާ ޕްލާންޓަކަށް އަމާޒުކޮށް ކްރޫޒް މިސައިލެއް ފޮނުވާލާފައިވާ ކަމަށް ޔަމަނުގެ ހޫތީން މިއަދު ބުނެފި އެވެ.
ސަބާ ނިއުސް އެޖެންސީން ބުނީ ހޫތީންގެ މިސައިލް އަރާފައި ވަނީ ބަރަކާ ނިއުކްލިއާ ޕަވާ ސްޓޭޝަނަށް ކަމަށެވެ. ހޫތީން ހިންގާ ވެބްސައިޓަކުން ވެސް ވަނީ އެ ހަމަލާ ދިންކަން ޔަގީންކޮށްދީފަ އެވެ.
ހޫތީން މިސައިލް ހަމަލާ ދިން ކަމަށް ބުނި ނަމަވެސް ޔޫއޭއީ އިން އެކަން އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ.
ޔޫއޭއީ އަކީ ޔަމަނަށް ވައިގެ ހަމަލާ ދޭ ސައުދީ ކޯލީޝަނުގެ މެންބަރެކެވެ. ހޫތީން ވަނީ ވޭތުވެދިޔަ މަހެއްހާ ދުވަހު ތެރޭ ސައުދީ އަރަބިއާ އަށް މިސައިލް ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ނޮވެމްބަރު 4 ވަނަ ދުވަހު ދިން ހަމަލާ އަމާޒުކޮށްފައި ވަނީ ރިޔާޒުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ދެ ވަނަ ހަމަލާ މިދިޔަ ހަފުތާގައި ވަނީ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށްފަ އެވެ. އެ ދެ ހަމަލާ ވެސް ސައުދީ ވައިގެ ސިފައިން ވަނީ ނާކާމިޔާބު ކޮށްލައިފަ އެވެ.