03 ޑިސެމްބަރ 2017 - 15:45

ވޮޝިންޓަން (ޑިސެމްބަރު 3) - ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާ އިން މި ހަފުތާގައި ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާގެ ނިންމުމާ ގުޅޭ ގޮތުން ފަލަސްތީނުގެ ރައީސް މަހްމޫބު އައްބާސްގެ އޮފީހުން ބުނެފައި ވަނީ އެއީ ސުލްހައިގެ މަސައްކަތް ހަލާކުގެ ތެރެއަށް ގެންދާނެ ކަމެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕުގެ އެ ނިންމުން މަޑުޖައްސާލި ނަމަވެސް ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަންނަކަން ޓްރަމްޕް މި ހަފުތާގެ ބުދަ ދުވަހުގެ ކުރިން އިއުލާން ކުރައްވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.
ޕީއެލްއޯ އެގްޒެކެޓިވް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ސައިބު އަރަކާތު ވިދާޅުވީ އެ މައްސަލާއާ ގުޅޭ ގޮތުން އަރަބި ލީޑަރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ގުދުސް އަކީ "ރަތް ރޮނގެއް" ކަމަށާއި އެއީ ހަމައެކަނި ފަލަސްތީނު މީހުންނަށް އެކަނި ނޫން ކަމަށާއި އެއީ އެންމެހާ އަރަބިންނާއި މުސްލިމުންނާއި ކްރިސްޓިއަނުންނަށް ވެސް ރަތް ރޮނގެއް ކަމަށް އަރަކާތު ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު މައްސަލައެއް. ގުދުސްގައި އަތްލުން، އަގްސާ މިސްކިތުގައި އަތްލުން، މިއީ އަލިފާނާ ކުޅުން ކަހަލަ ކަންތައް،" އަރަކާތު ވިދާޅުވި އެވެ. "އިރުމަތީ ގުދުސް އެއީ ވެރިރަށުގެ ގޮތުގައި ނުހިމެނޭ ފަލަސްތީނު ދައުލަތެއްގެ މާނައެއް ނެތް."
ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާން ނަބީލް އަބޫ ރުދައިނާ ވިދާޅުވީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަނެ، އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކޮށްފި ނަމަ އެއީ މެދުއިރުމަތީގެ ސުލްހަ އަށް ހުރަސް އެޅުމުގެ އިތުރުން މުޅި މެދުއިރުމަތި ހަމަނުޖެހުމުގެ ތެރެއަށް ގެންދާނެ ކަމެއް ކަމަށެވެ.
އެއްވެސް ގައުމަކުން ގުދުސްގައި އެމްބަސީ އަދި މިހާތަނަށް ގާއިމްކޮށްފައެއް ނުވެ އެވެ.