03 ޑިސެމްބަރ 2017 - 14:59

ސޯލް (ޑިސެމްބަރު 3) - ސައުތު ކޮރެއާގެ މަސްބޯޓެއް 336 ޓަނުގެ ޓޭންކަރެއްގައި ޖެހި މަސްބޯޓު ބަންޑުން ޖަހާލުމުން އޭގައި ތިބި މީހުންގެ ތެރޭން 13 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސައުތު ކޮރެއާގެ ކޯސްޓްގާޑުން ބުނީ ދެ މީހަކު ގެއްލިފައިވާ ކަމަށެވެ. ގެއްލުނު މީހުންގެ ތެރޭގައި މަސްބޯޓުގެ ކެޕްޓަން ވެސް ހިމެނެ އެވެ. ގެއްލުނު މީހުން ހޯދުމަށް މިހާރު ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ. ބަންޑުން ޖަހާލާފައިވާ ބޯޓުގެ ތެރޭން މީހުން ފެނޭތޯ ޑައިވަރުން ދަނީ މަސައްކަތް ކުރަމުންނެވެ. މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސިފައިންގެ ހެލިކޮޕްޓަރުތަކާއި މަނަވަރުތައް ދަނީ ބައިވެރިވަމުންނެވެ. ޗާޓަރު ކޮށްފައިވާ މަސްބޯޓުގައި 20 ޕެސިންޖަރުންނާއި ދެ ފަޅުވެރިން ތިއްބެވެ.
ދިހަ ޓަނުގެ މަސް ބޯޓުން އަނިޔާވެގެން ހަތް މީހަކު ވަނީ ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ޓޭންކަރުން އެެއްވެސް މީހަކަށް ގެއްލުނު ލިބުނު ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
ސައުތު ކޮރެއާގެ ނިއުސް އެޖެންސީތަކުން ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ މަސްބޯޓު ނައްޓާލިތާ ނުވަ މިނިޓް ފަހުން ކަމަށެވެ. އެކްސިޑެންޓް ހިނގީ ބްރިޖެއްގެ ދަށުން ދެ އުޅަނދު ހުރަސް ކުރަނިކޮށެވެ.