03 ޑިސެމްބަރ 2017 - 14:25

ސޯލް (ޑިސެމްބަރު 3) - ދެ ކޮރެއާގެ މެދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ބޯޑަރު ހުރަސްކޮށް ފިލަން އުޅުނު ނޯތު ކޮރެއާގެ ސިފައިންގެ މީހާ ސަލާމަތް ވުމަކީ "މުއުޖިޒާތެއް" ކަމަށް އޭނާ ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އުޅުނު އެމެރިކާ ސިފައިންގެ މީހަކު ބުނެފި އެވެ.

ބޯޑަރު ހުރަސްކުރަނިކޮށް ނޯތު ކޮރެއާގެ ގާޑުން ބަޑި ޖެހުމުގެ ސަބަބުން ހަށިގަނޑުގެ ފަސް ތަނަކަށް ވަޒަން އަރާފައިވާ އުމުރުން 24 އަހަރުގެ އޯ ޗޮން ސޮންގް ހޮސްޕިޓަލަށް ގެންދިއުމުގައި އުޅުނު އެމެރިކާގެ ބްލެކް ހޯކް ހެލިކޮޕްޓަރުގެ މެޑިކަލް ސްޓާފެއް ކަމަށްވާ ސާޖަންޓް ގޯޕާލް ސިންގް ބުނީ ސިފައިންގެ މީހާ ސަލާމަތްވާނެ ކަމަށް އޭނާ ކުޑަކޮށް ވެސް ހީނުކުރާ ކަމަށެވެ.

"އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ އަހަރެން ހީކުރީ 15 ވަރަކަށް މިނިޓްތެރޭ އޭނާ މަރުވާނެ ކަމަށް،" ޑިމިލިޓަރައިޒް ޒޯނުގެ ސައުތު ކޮރެއާއާވީ ފަޅީގައި ކޭމްޕްކޮށްފައިވާ އެމެރިކާގެ ކޮމްބެޓް އޭވިއޭޝަން ބްރިގޭޑުގެ މެންބަރު ބުންޏެވެ.
ހެލިކޮޕްޓަރަށް އެރުވި އިރު އެއީ ނޯތު ކޮރެއާ އިން ފިލައިގެން ދިޔަ ސިފައިންގެ މީހެއް ކަމެއް ކްރޫންނަކަށް ނޭނގެ އެވެ. އެކަމަކު ސިފައިންގެ މީހާ އަށް ނޭވާލަން އުނދަގޫވުމުން ސިންގުގެ ޓީމުން ވަނީ އޭނާ ނޭވާ ލައްވަން މަސައްކަތް ކޮށްފަ އެވެ. އޭރު ސިފައިންގެ މީހާގެ އަތްފައި ނޫފައިގެންފައިވާ އިރު އޭނާގެ ވިންދު ވެސް ދައްކަމަށް ސިންގް ބުންޏެވެ.
ނޮވެމްބަރު 13 ވަނަ ދުވަހު ހިނގި ހާދިސާގައި ނޯތު ކޮރެއާގެ ސިފައިންގެ މީހާ އޯހް ވަނީ ޖިޕެއްގައި ދުއްވާފައި ގޮސް ބޯޑަރު ހުރަސް ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ބޯޑަރު ކައިރިން ޖިޕުގެ ފުރޮޅު ތާށިވުމުން އޭނާ ވަނީ ދުވެފައި ގޮސް ސައުތު ކޮރެއާގެ ސަރަހައްދަށް ވަންނަން މަސައްކަތް ކޮށްފަ އެވެ. އެ ވަގުތު ނޯތު ކޮރެއާގެ ބޯޑަރު ގާޑުން ވަނީ އޯހް ގަޔަށް ބަޑި ޖަހަން ފަށައިފަ އެވެ. ފަސް ވަޒަން އެރި ނަމަވެސް އޯހް ވަނީ ބޯޑަރު ހުރަސްކޮށް އިމާރާތެއްގެ ނިވަލަށް ވަދެފަ އެވެ. އޭނާ ވެއްޓިފައި އޮތީ ފަތްތަކެއްގެ މައްޗަށެވެ.
ސައުތު ކޮރެއާގެ ސިފައިން ފިރުކިފައި ކަހަލަގޮތަކަށް ގޮސް އޯހް ނަގައިގެން ގެންދިޔައީ އޭނާ ވެއްޓުނުތާ ބައިގަޑިއެއްހާ އިރު ފަހުންނެވެ. ނޯތު ކޮރެއާގެ ސިފައިންގެ މީހާ ނަގައިގެން ގެންދިޔަ އިރު ވަނީ އެމެރިކާގެ ހެލިކޮޕްޓަރު އައުމަށް އެދިފަ އެވެ.
ހެލިކޮޕްޓަރު ދަތުރު ކުރަމުން ދިޔަ އިރު ވެސް އޯހް އަށް ދިޔައީ ފަރުވާ ދެމުންނެވެ. ސޯލްގެ އަޔޫ ޔުނިވާސިޓީ ހޮސްޕިޓަލަށް އޭނާ ގެންދިއުމުން ފަރުވާ ދޭން ފަށާފައި ވަނީ ޑޮކްޓަރު ލީ ކުކް-ޖޮންގެވެ.
"ހެލިކޮޕްޓަރުގައި އޯހް އަށް އިމަޖެންސީ ފަރުވާ ނުދިން ނަމަ އޭނާ މަރުވީސް ކަންނޭނގެ،" ލީ ވިދާޅުވެފައިވެ އެވެ.
އެތައް އޮޕަރޭޝަނަކަށް ފަހު ނޯތު ކޮރެއާގެ ސިފައިންގެ މީހާގެ ހާލު މިހާރު ރަނގަޅެވެ. އެކަމަކު އޭނާ އަދިވެސް އޮތީ ހޮސްޕިޓަލުގަ އެވެ.