03 ޑިސެމްބަރ 2017 - 14:32

ހދ. ކުޅުދުއްފުށީގައި ތަރައްގީކުރާ އެއާޕޯޓަށް 3300 ޓަނުގެ ބޮޑު ހިލަ ހިފައިގެން ރާއްޖެ ދަތުރުކުރި އެމްޓީސީސީގެ ބާޖު، ތޫފާނުގައި ޖެހި މިދިއަ ބުރަސްފަތިދުވަހު ބަންޑުން ޖަހާލައިފި އެވެ.
މި ސަރަހައްދުގައި މި ފަހުން އުފެދުނު އެންމެ ބާރުގަދަ ތުފާނުގައި އެ ހާދިސާ ހިނގިއިރު ބާޖް ކަފު ޖަހާފައިގެން ދުއްވި ޓަގުގައި 11 މީހުން ތިއްބެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓުޓިކޮރިން އިން ފުރައިގެން ދަތުރުކުރި އެމްޓީސީސީގެ "ކުރިމަގު" ބާޖު ބަންޑުން ޖަހާލީ އިންޑިއާގެ ކަންޏާކުމާރީ ކަނޑަށެވެ. އެ ބާޖު ދޫކޮށްލުމަށް ފަހު ޓަގު ދަތުރުކުރަމުން މިހާރު އަންނާނީ ކުޅުދުއްފުއްޓާ ދިމާއަށެވެ. އަދި މިއަދުގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ފޯރާނެ ކަމަށް ވެސް ވެ އެވެ.
"މޫސުން ގޯސްވެ އަރިއަޅާލައިގެން ކުރިއަށް ދެވެން ނެތީމަ ބާޖް ކަނޑަށް ދޫކޮށްލީ. ދޫކޮށްލުމާ އެކު ބާޖު ބަންޑުން ޖަހާލީ،" ހާދިސާގެ މައުލޫމާތު އެނގި ހުރި މީހަކު ކިޔައިދިނެވެ.
މި ހާދިސާއާ ބެހޭ ގޮތުން އެމްޓީސީސީއަކުން އަދި އެއްވެސް މައުލޫމާތެއް ނުދެ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މިއަންނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި އެއާޕޯޓް އޮޕަރޭޓް ކުރަން ފަށާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.