07 ޖުލައި 2016 - 17:47

ބިއުނަސް އޭރީޒް (ޖުލައި 7) - އާޖެންޓީނާގެ ކުރީގެ ރައީސާ ކްރިސްޓީނާ ފެނާންޑޭޒް ޑި ކިރްޗްނާގެ މުދާތައް ފްރީޒް ކުރުމަށް ކޯޓުން އަންގައިފި އެވެ.
ފެނާންޑޭޒްގެ މައްޗަށް ވަނީ އެކަމަނާގެ ވެރިކަމުގެ ފަހު ދުވަސްވަރު ބޭރު ފައިސާގެ މުއާމަލާތްތަކުން ނާޖާއިޒް ފައިދާ ނެންގެވި ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ފެނާންޑޭޒް ވަނީ މި ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އަދި މިއީ ސެންޓަ-ރައިޓް ސަރުކާރުން އެކަމަނާއާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ފެނާންޑޭޒްގެ ގާތް ބައެއް ފަރާތްތަކުން ވެސް ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް އެފަދަ ބައެއް ފަރާރްތަކުގެ މައްޗަށް މީގެ ކުރިން ވަނީ ތަހުގީގު ވެސް ހިންގައިފަ އެވެ.
ކޯޓުގެ އަޑު އެހުމަށް ފެނާންޑޭޒް ހާޒިރުކުރި އިރު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ނެރެފަ އެވެ. ކޯޓުން ނުކުމެވަޑައިގެން ފެނާންޑޭޒް ވިދާޅުވީ މިއީ ކޯޓުތަކާ ގުޅިގެން ރައީސް މައުރިސިއޯ މަކްރީގެ ސަރުކާރުން އެކަމަނާގެ އަގު ވައްޓާލުމަށް ހިންގާ ބޮޑު ރޭވުމެއް ކަމަށެވެ.
ފެނާންޑޭޒް އަކީ އާޖެންޓީނާގެ ކުރީގެ ރައީސް ނެސްޓާ ކިރްޗްނާގެ ހުވަފަތް އަނބިކަނބަލުންނެވެ. ފެނާންޑޭޒް ވަނީ 2007 އިން 2015 އަށް އާޖެންޓީނާގެ ވެރިކަން ކުރައްވައިފަ އެވެ.