ދަށު ކޯޓުތަކަށް ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ
ދަށު ކޯޓުތަކަށް ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ

މި އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ދަށު ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު އެ މުއްދަތުގައި ދަށު ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 36 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުށަހެޅީ 4،263 މައްސަލަ ކަމަށް ވިޔަސް މި އަހަރުގެ އެ މުއްދަތުގައި ވަނީ 5،799 މައްސަލަ ހުށަހަޅައިފަ އެވެ. އެއީ މާލޭގައި ހުރި ދަށު ކޯޓުތަކަށް (ސުޕީރިއާ ކޯޓުތައް) ހުށަހެޅި 2،660 މައްސަލަ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅި 3،140 މައްސަލަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ދަށު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު ޖުމްލަ ގޮތެއްގައި މަދެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދަށު ކޯޓުތަކުން 4،700 އަށް ވުރެ ގިނަ މައްސަލަ ނިންމި އިރު މި އަހަރުގެ އެ މުއްދަތުގައި ނިންމީ 4،400 މައްސަލަ އެވެ. އެއީ ފަސް ޕަސެންޓްގެ ދަށްވުމެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ދަށު ކޯޓުތަކުގެ ތެރެ އިން، މާލޭގެ ކޯޓުތަކުން ނިންމި މައްސަލަތަކަށް ވުރެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު މަދެވެ. މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކުން އެ މުއްދަތުގައި ނިންމި މައްސަލަތަކުގެ އަދަދު އިތުރުވިޔަސް މެޖިސްޓްރޭޓް ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު 12 ޕަސެންޓް ދަށްވުމުން ޖުމްލަ ގޮތެއްގައި ނިންމި މައްސަލަތަކުގެ އަދަދު މަދުވީ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އެ މުއްދަތުގައި މައްސަލަތައް ނިންމި ނިސްބަތް ވަނީ 77 ޕަސެންޓް ދަށްވެފަަ އެވެ. ސަބަބަކީ އެ މުއްދަތުގައި ހުށަހެޅި މައްސަލަތައް ގިނަވެފައިވާ އިރު ނިންމި މައްސަލަތަކުގެ އަދަދު މަދުވުމެވެ. އެހެންވެ، ނުނިމި ހުރި މައްސަލަތަކުގެ އަދަދު މަދު ކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އެ ހިސާބުތަކުގައިވެ އެވެ.