04 ޑިސެމްބަރ 2017 - 06:54

ސޮނާކްޝީ ސިންހާ ބަތަލާގެ ރޯލަށް ލައިގެން ކަރަން ޖޯހަރް އުފައްދާ އާ ފިލްމެއް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އިއުލާން ކުރާނެ ކަމަށް ކަރަން ޖޯހަރް ބުނެފި އެވެ. ސޮނާކްޝީ އާއި ކަރަން ގުޅިގެން އެންމެ ފަހުން ހެދީ އަބޭ ޗޯޕްރާ ޑައިރެކްޓްކުރި "އިއްތިފާގު" އެވެ.
ކަރަން ބުނި ގޮތުގައި ސޮނާކްޝީ ބަތަލާގެ ރޯލު އަދާކުރި "އިއްތިފާގު" އަށް ފަހު އޭނާއާ އެކު އިތުރު ފިލްމެއް އުފައްދަން ކަރަން ބޭނުންވީ ކަމަށެވެ.
މިހާރު ވެސް ގިނަ ފިލްމުތަކެއް ކަރަން އަންނަނީ ޕްރޮޑިއުސް ކުރަމުންނެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު އަޔާން މުކަރުޖީގެ "ބްރަހްމަސްޓްރާ" ހިމެނެ އެވެ. މި ފިލްމުގެ ތަރިންނަކީ ރަންބީރު ކަޕޫރާއި އަމީތާބް ބައްޗަން އަދި އާލިއާ ބަޓް އެވެ. މި ފިލްމު ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗް ހިސާބުގަ އެވެ. އަދި އަންނަ އަހަރު އެ ފިލްމު ރިލީޒްކުރަން ވެސް ކަރަން އުންމީދު ކުރެ އެވެ.
ކަރަން ދެން އިއުލާން ކޮށްފައިވަނީ ޝްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރާއި އިޝާން ޚައްތަރުގެ "ދަޅަކް" އެވެ. މި ފިލްމު ވެސް އަންނަ އަަހަރުގެ ތެރޭގައި ރިލީޒްކުރާނެ އެވެ.
މީގެ އިތުރުން "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ވެސް ވަރަށް އަވަހަށް ފަށަން ގަސްތުކުރާ ކަމަަށް ތަންކޮޅެއް ކުރިން ކަރަން ބުނެފައި ވެއެވެ.