03 ޑިސެމްބަރ 2017 - 11:45

ޗައިނާ ރައްޔިތަކު 15 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ރާއްޖޭގައި ބަންދު ކޮށްގެން ގެންގުޅުނު މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން އޭނާ ދައުލަތާ ދެކޮޅަށް ކުރި ދައުވާ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ޗައިނާގެ ރައްޔިތެއް ކަމަށްވާ ވޫމެއިޑީ 1994 ވަނަ އަހަރުން ފެށިގެން ފެބްރުއަރީ، 2009 އާ ހަމަ އަށް ރާއްޖޭގައި ހައްޔަރުކޮށް ބަންދު ކޮށްގެން ގެންގުޅުނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާ ދައުވާ ކުރީ އެކަމުން އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު ދައުލަތުގެ ކިބައިން ހޯދުމަށެވެ. އެކަމަކު ޑިސެމްބަރު، 2015 ގައި ސިވިލް ކޯޓުން ނިންމީ ވޫމެއިޑީ ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް އެކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ކަނޑަނާޅަނީސް، ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މައްސަލައިގައި ސިވިލް ކޯޓަށް ގޮތެއް ނުނިންމޭނެ ކަމަށެވެ.
އެ ނިންމުން ވޫމެއިޑީގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް މިދިޔަ ބުދަ ދުވަހު ނިންމީ ސިވިލް ކޯޓުގެ އެ ނިންމުން ރަނގަޅު ކަމަށެވެ. ހަައި ކޯޓުގެ ހުކުމުގައި ވެސް ވަނީ މީހަކު ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަމާ ބެހޭ ކޯޓަކުން ކަނޑަނާޅަނީސް، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ކޯޓުތަކުގެ ގާނޫނުގައި އެފަދަ މައްސަލަތައް ބެލުމުގައި ސިވިލް ކޯޓަށް އިހްތިސާސް ލިބިގެންވަނީ ގާނޫނާ ޚިލާފަށް ބަންދު ކޮށްފައިވާ މީހަކު ދޫކޮށްލަން ކޯޓަކުން އެންގުމުން، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅާ މައްސަލަތައް ކަމަށެވެ. އެހެންވެ، މީހަކު ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެކަމުގެ ބަދަލު ހޯދަން މަދަނީ ދައުވާއެއް ކުރެވޭނީ އެ މީހަކު ބަންދު ކުރި ކުރުމަކީ ގާނޫނާ ޚިލާފް ބަންދެއް ކަމަށް އެކަމުގެ އިހްތިސާސް އޮތް ކޯޓަކުން ކަނޑައަޅާފައިވާ ނަމަ ކަމަށް އެ ހުކުމުގައިވެ އެވެ.
"އެ މީހަކު އެ ބުނާ ބަންދު ކުރުމާ މެދު ނުވަތަ ހައްޔަރު ކުރުމާ މެދު ކަމާބެހޭ އިހްތިސާސް ލިބިފައިވާ ޝަރުއީ ކޯޓެއްގެ އީޖާބީ ނިންމުމެއް ބަދަލު ހޯދުމުގެ މައްސަލައާ އެކު ސިވިލް ކޯޓަށް ހުށަހެޅިފައި އޮންނަންވާނެ،" ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި އެ ހުކުމުގައިވެ އެވެ.
އެހެން ނަމަވެސް މީހަކު ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަމާ ބެހޭ ކޯޓަކުން ކަނޑައަޅާފައިވާ ހާލަތްތަކުގައި ބަދަލު ހޯދަން ކުރާ ދައުވާތައް ސިވިލް ކޯޓަށް މައުޟޫއީ ގޮތުން ބެލިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. ސަބަބަކީ އެފަދަ ހާލަތްތަކުގައި މަދަނީ ދައުވާ ކުރުމުގެ ކުރިން، އެ ގެއްލުން މެދުވެރިވި ކުރުވި އަމަލަކީ ގާނޫނާ ޚިލާފް އަމަލެއް ކަމަށް ކަމާބެހޭ ކޯޓުން ކުރިން ކަނޑައަޅާފައިވާތީ ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެގޮތަށް ނިންމީ އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އަޣުލަބިއްޔަތު ރައުޔު ނެރުއްވީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔަކީ އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ޝުއައިބުގެ ރައުޔަކީ ކޯޓުތަކުގެ ގާނޫނު އޮތް ގޮތުން ދެ ހާލަތެއްގައި ބަދަލު ހޯދުމުގެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ އެވެ.
އެގޮތުން މީހަކު ބަންދުކުރީ ގާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި، ކޯޓަކުން އެ މީހާ ދޫކޮށްލުމުން އެކަމުގެ ބަދަލު ހޯދަން ދައުވާކުރާ މައްސަލަތަކާއި ގާނޫނާ ޚިލާފަށް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން އެކަމުގެ ބަދަލު ހޯދަން ދައުވާކުރާ މައްސަލަތައް ސިވިލް ކޯޓަށް ބެލޭނެ ކަމަށް ފަނޑިޔާރު ޝުއައިބުގެ ރައުޔުގައިވެ އެވެ.