07 ޖުލައި 2016 - 17:24

ވޮޝިންޓަން (ޖުލައި 7) - އިންސާނީ ހައްގުތަކާ ޚިލާފުވާ ކަމަށް ބުނެ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ދެކޮޅަށް އެމެރިކާ އިން ފުރަތަމަ ފަހަރަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
އެމެރިކާގެ ޓްރެޝަރީން ނެރުނު ބަޔާނެއްގައި ބުނީ އުތުރު ކޮރެއާގައި ހިންގާ ލާ އިންސާނީ ހުރިހާ ކަމެއްގެ ޒިންމާ އުފުއްލައްވަން ޖެހޭ ފަރާތަކީ ކިމް ކަމަށެވެ. އުތުރު ކޮރެއާގެ އެހެން 10 ފަރާތެއް ވެސް ވަނީ ބްލެކްލިސްޓްކޮށްފަ އެވެ. އެމެރިކާގެ ނިންމުމާ ގުޅޭ ގޮތުން އުތުރު ކޮރެއާ އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ޓްރެޝަރީން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގައި ހުރި މުދާތައް ހިފެހެއްޓުމާއި އެ މީހުންނާ އެކު އެމެރިކާގެ އެއްވެސް މީހަކު ވިޔަފާރި ހިންގުން މަނާކުރުން ހިމެނެ އެވެ.
އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު އުފައްދާ މައްސަލާގައި އެ ގައުމާ ދެކޮޅަށް މިހާރު ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އަދި އެމެރިކާ އިން އެންމެ ފަހުން އެޅި މި ފިޔަވަޅަކީ އުތުރު ކޮރެއާ އިތުރަށް އެކަހެރި ކުރަން އެޅި ފިޔަވަޅެއް ވެސް މެ އެވެ.
ޓްރެޝަރީން މި ފިޔަވަޅުތައް އެޅި އިރު ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަނީ އުތުރު ކޮރެއާގެ އިންސާނިއްޔަތާ ޚިލާފަށް ހިންގާ އަމަލުތަކާ ބެހޭ ރިޕޯޓެއް ނެރެފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ލަފާ ކުރާ ގޮތުގައި އުތުރު ކޮރެއާގެ ޖަލުތަކުގައި 80،000 އާއި 120،000 އާ ދެމެދުގެ އަދަދަކަށް މީހުން ވަނީ ބަންދުކޮށްފަ އެވެ. އަދި އެ މީހުންނަށް ދަނީ ވަރަށް ލާ އިންސާނީ އަނިޔާ ދެމުންނެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ޖޯން ކިރްބީ އެންމެ ފަހުގެ ފިޔަވަޅުތަކުން ކިމް އަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.
އެމެރިކާ އިން މީގެ ކުރިން ވެސް ވަނީ ގައުމުތަކުގެ ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދާއި ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީ ހިމެނެ އެވެ.