04 ޑިސެމްބަރ 2017 - 06:55

އެމެރިކާގައި ރަހިމު ޓްރާންސްޕްލާންޓް ހެދި ފުރަތަމަ މީހާ ވިހައިފި އެވެ. މީގެ ކުރިން ސްވިޑްންގައި މިފަދަ ޓްރާންސްޕްލާންޓެއް ހެދި މީހަކު ވިހާފައި ވިޔަސް މިއީ އެމެރިކާގައި އަލަށް ވީ ކަމެކެވެ.
ޑެލަސްގެ ބޭލާ ޔުނިވަސިޓީ މެޑިކަލް ސެންޓަރުގައި ވިހޭ މި އަންހެންމީހާއަކީ އުފެދުމުގައި ވެސް ރަހިމު ނެތް މީހެކެވެ.
ހޮސްޕިޓަލުގެ ތަރުޖަމާނު ކްރެއިގް ކިވާލޭ ވަނީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
ރަހިމު ޓްރާންސްޕްލާންޓްކުރަން ބޭނުންވެފައި ތިބި 10 އަންހެނަކު ބައިވެރިކޮށްގެން ބޭލާ ޔުނިވަސިޓީން މިކަމާ ގުޅޭ ދިރާސާއެއް ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. އޮކްޓޯބަރު 2016 ގައި އެ ހޮސްޕިޓަލުން ބުނީ ހަތަރު މީހެއްގެ ރަހިމު ޓްރާންސްޕްލާންޓް ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ތިން މީހެއްގެ ރަހިމަށް ރަނގަޅަށް ލޭ ދައުރުކުރާ ގޮތް ނުވުމުން އަނބުރާ ނެގީ ކަމަށް ވެސް ހޮސްޕިޓަލުން އޭރު ބުންޏެވެ.
އޭގެ ފަހުން ހެދީ ކިތައް ޓްރާންސްޕްލާންޓް ކަމެއް ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ރަހިމު ޓްރާންސްޕްލާންޓްކުރި މީހަކަށް ދަރިއަކު ލިބުނު ވާހަކަ ރިޕޯޓް ކުރަމުން ޓައިމް މެގަޒިނުން ބުނީ މުޅިއެކު އަށް މީހުންގެ މިހާތަނަށް ރަހިމު ޓްރާންސްޕްލާންޓް ކޮށްފައިވާ ކަމަށެވެ. އަދި އެހެން މީހަކުވެސް މިހާރު އިނީ ބަލިވެ ކަމަށް ބުންޏެވެ.
މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ރަހިމު ޓްރާންސްޕްލާންޓްކުރުމުގެ 16 އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ.
މަރުވެފައިވާ މީހުންނާއި ދިރިތިބި މީހުންގެ ރަހިމު ވެސް ނަގައިގެން ޓްރާންސްޕްލާންޓް ކުރެވެ އެވެ. ބޭލާ ޔުނިވަސިޓީގެ ދިރާސާގައި މި ދެ ގޮތަށް ވެސް ޓެސްޓްކުރުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ސްވިޑްންގައި މިހާތަނަށް ހަދާފައިވާ ހުރިހާ ޓްރާންސްޕްލާންޓެއްގައި ވެސް ބޭނުންކޮށްފައި ވަނީ ދިރި ތިބި މީހުންގެ ރަހިމެވެ. އަދި މީގެ ތެރޭގައި ވެސް ގިނައީ މަންމަ ނުވަތަ ދައްތައަކު ހަދިޔާ ކުރި ރަހިމެވެ.
ޑޮކްޓަރުން އުންމީދުކުރަނީ މިގޮތަށް ކާމިޔާބުކަމާއެކު ރަހިމު ޓްރާންސްޕްލާންޓް ކުރެވި އުފަންވާއިރު ރަހިމު ނުހުންނަ އެތައް ހާސް ބަޔަކަށް ދަރިން ހޯދުމުގެ މުޅިން އާ އުންމީދެއް ހޯދައިދެވޭނެ ކަމަށެވެ.