03 ޑިސެމްބަރ 2017 - 11:10

ރިޔާޒް (ޑިސެމްބަރު 3) - ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހު މަޝްވަރާ އަށް ހުށަހެޅުއްވުމުން ސަައުދީ ކޯލީޝަނުން މަރުހަބާ ކިޔައިފި އެވެ.

ކޯލީޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ރައީސްގެ އިސްނެގުމުގެ ސަބަބުން އީރާނަށް ވަފާތެރި ހަނގުރާމަވެރިންގެ ކިބައިން ޔަމަނުގެ ރައްްޔިތުން ސަލާމަތްވާނެ ކަމަށެވެ. ސޯލިހު ވިދާޅުވީ ޔަމަނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަދި ވައިގެ ހަމަލާތައް ހުއްޓާލައިފި ނަމަ ކޯލީޝަނާ އެކު މަޝްވަރާ އަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ނަމަވެސް ޔަމަނުގައި ހަނގުރާމަ ކުރާ ހޫތީން ބުނެފައި ވަނީ ސޯލިހު "ބަޣާވާތެއް" ކުރީ ކަމަށެވެ. ހޫތީންގެ ތަރުޖަމާނަކު ބުނީ އުދުވާނާ ދެކޮޅަށް ތެދުވުމަށްވެފައިވާ އެއްބަސްވުމަށް ސޯލިހު ބޭވަފާތެރިވެފައިވާ ކަމަށެވެ.
ސޯލިހަށް ވަފާތެރި ސިފައިންނާއި ހޫތީ ހަނގުރާމަވެރިންނާ ދެމެދު ޔަމަނުގެ ވެރިރަށް ސަންއާގައި ހަމަނުޖެހުން ހިންގާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ޓީވީ މެދުވެރި ކުރައްވާ ސޯލިހު ދެއްވި ބަޔާނުގައި ވިދާޅުވީ ޔަމަނަށް މިހާރު ކުރިވަރު ފުދިއްޖެ ކަމަށެވެ. އެހެންވެ ހަނގުރާމަ ހުއްޓާލާ އާ ސަފްހާއެއް އެއްލުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ސޯލިހަށް ވަފާތެރި ސިފައިންނާއި ހޫތީން ގުޅިގެން ހަނގުރާމަކޮށް ޔަމަނުގެ ބޮޑު ބައެއް އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔަ ނަމަވެސް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައި ވަނީ އަބްދުއްރައްބޫހް ހާދީގެ ސަރުކާރެވެ.