03 ޑިސެމްބަރ 2017 - 10:22

ޕެރިސް (ޑިސެމްބަރު 3) - ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ވަރުގަދަ ޕީއެސްޖީ ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ލީގުގެ 16 ވަނައިގައި އޮތް ސްޓްރޯސްބާގް އަތުން 2-1 އިން ބަލިވެއްޖެ އެެވެ.
މިއީ މި ފަހަރު ލީގުގައި ޕީއެސްޖީ ބަލިވި ފުރަތަމަ މެޗެވެ. ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު 16 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މޮނާކޯ އޮތީ ރޭ އެންގާސް އަތުން 1-0 އިން ހޯދި މޮޅާ އެކު 16 މެޗުން 32 ޕޮއިންޓް ހަމަކޮށްގެންނެވެ.
ޕީއެސްޖީގެ އެއް ވަނަ ފޯވާޑް އެޑިސަން ކަވާނީ ފުރަތަމަ އެގާރައިގައި ނުހިމަނައި ނުކުތް މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ސްޓްރޯސްބާގުންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި މި ގޯލު ޖެހީ ނޫނޯ ޑަ ކޮސްޓާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ކިލިއަން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ސްޓްރޯސްބާގް މޮޅުވި ލަނޑު މެޗުގެ 65 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސްޓެފާނޭ ބަހޯކެން އެވެ. މި މެޗުގައި ޕީއެސްޖީގެ ނޭމާ އާއި އެންހެލް ޑި މާރިއާ އަދި އެމްބާޕޭ އަދި ފަހުން ކަވާނީ އަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.
މެޗަށް ފަހު ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނީ މެޗުން ބަލިވީ މޮޅުވާން ހައްގު ޓީމު ކަމަށެވެ.
"އަހަރެމެން ތަނަވަސްކުރި ފުރުސަތުތަކާ ބަލާ މިއީ ބަލިވާން ޖެހޭ މެޗެއް ނޫން. މިއީ އަހަރެމެންނަށް މޮޅެއް ހައްގުވާ މެޗެއް. އިދިކޮޅު ޓީމުން މެޗު ކާމިޔާބުކުރީ ލިބުނު ދެ ފުރުސަތެއްގެ ބޭނުން ހިފައިގެން،" އެމެރީ ބުންޏެވެ.
އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗާ މެދު މި މެޗަށް ނުކުތުމުގެ ކުރިން ނުވިސްނާ ކަމަށާއި އެއީ އުޒުރެއް ކަމަށް ނުހަދާނެ ކަމަށެވެ.
ސްޓްރޯސްބާގް ކޯޗު ތިއެރީ ލޯރޭ ބުނީ އޭނާގެ ޓީމުން މި މެޗުން މޮޅުވާން ކުރި ހިތްވަރަށް ތައުރީފް ހައްގުވާ ކަމަށާއި ޕީއެސްޖީ ކަހަލަ ޓީމެއް ބަލިކުރުމުން ފަހުރުވެރިވުން ހައްގު ކަމަށެވެ.