03 ޑިސެމްބަރ 2017 - 20:30

ކަސްޓަމަރުންނާއި ކުންފުނިތަކާ ދެމެދު އޮންނަ ގުޅުންތަކާއި ތަޖުރިބާތަކުގެ ދާއިރާ އިން ރާއްޖޭގައި ބާއްވާ ފުރަތަމަ ކަސްޓަމާ އެކްސްޕީރިއަންސް (ސީއެކްސް) ކޮންފަރެންސްގެ ތަރުހީބު ބޮޑުވެ، 150 އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ އެވެ.
އެ ކޮންފަރެންސް ބާއްވާ ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިން ބުނީ ފަހު ވަގުތު، ކޮންފަރެންސްގައި ބައިވެރިވާން ހުށަހެޅި މީހުންގެ ތެރެއިން ބައެއް މީހުންނަށް ޖާގަ ނުދެވުނު ކަމަށެވެ. އަދި އަންނަ އަހަރު ބާއްވާ ކޮންފަރެންސްގައި މިއަށް ވުރެ ގިނަ އަދަދަކަށް މީހުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ބުންޏެވެ.
މާދަމާ، ޕެރަޑައިސް އައިލެންޑްގައި ބާއްވާ ކޮންފަރެންސްގައި ބޭރުގެ ތަޖުރިބާކާރުން މައުލޫމާތު ދެއްވާނެ އެވެ. އެގޮތުން އެންމެ ފަހުން އެ ކޮންފަރެންސްގައި ބައިވެރިވާނެކަން އިއުލާނު ކޮށްފައިވަނީ ޓެލެޕާފޯމެންސްގެ ޑިރެކްޓަ އޮފް މާކެޓް އެންގޭޖްމަންޓް ވިލިއަމް ކާސަން އެވެ.
ސީއެކްސް ކޮންފަރެންސާ ގުޅޭ ގޮތުން ވިލިއަމް ވަނީ ޔޫޓިއުބް ވީޑިއޯއެއްގައި ވާހަކަ ދައްކަވާފަ އެވެ. އޮންލައިންކޮށް ވިޔަފާރިތައް ގުޅުވާލާނެ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާނެ ކަމަށް އެ ވީޑިއޯގައި ވިލިއަމް ވިދާޅުވި އެވެ.
ބޭރުގެ ތަޖުރިބާކާރުންގެ އިތުރުން، ކަސްޓަމާ އެކްސްޕީރިއަންސްގެ ދާއިރާ އިން ރާއްޖޭގައި ތިއްބެވި ތަޖުރިބާކާރުން ވެސް މި ކޮންފަރެންސްގައި ވާހަކަ ދައްކަވާނެ އެވެ.