03 ޑިސެމްބަރ 2017 - 06:43

ލަންޑަން (ޑިސެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި އާސެނަލް އަތުން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، އެ ޓީމުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް ރަތް ކާޑު ދައްކައިފި އެވެ.

މިއީ އާސެނަލް ދަނޑުގައި މިދިޔަ ތިން އަހަރު ތެރޭ ޔުނައިޓެޑަށް ލީގުގައި ހޯދުނު ފުރަތަމަ މޮޅެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހަށް ފަހު، ލީގު މެޗަކުން އާސެނަލް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.
ޔުނައިޓެޑް ރޭ މޮޅުވުމުން، ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ލީޑުވަނީ ފަސް ޕޮއިންޓަށް ދަށްވެފަ އެވެ. ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ސިޓީ މިރޭ ނުކުންނައިރު، އެ ޓީމު ލީގުގެ އެއް ވަނައިގައި އޮތީ 14 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑަށް 35 ޕޮއިންޓް ހަމަކުރެވުނީ 15 މެޗުންނެވެ. ތިން ވަނައިގައި އޮތީ މިއަދު ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވި ޗެލްސީ އެވެ. އެ ޓީމަށް 15 މެޗުން ލިބުނީ 32 ޕޮއިންޓެވެ.
ހަތަރު ވަނައިގައި އޮތީ ރަށުން ބޭރުގައި ރޭ ބްރައިޓަން އަތުން 5-1 އިން މޮޅުވި ލިވަޕޫލެވެ. އެ ޓީމަށް 15 މެޗުން ލިބުނީ 29 ޕޮއިންޓެވެ. އާސެނަލް ފަސް ވަނަ އަށް ވެއްޓުނިއިރު އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ 11 މިނިޓްގައި ޔުނައިޓެޑުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ ދެ ވަނަ މިނިޓްގައި އެންޓޯނިއޯ ވެލެންސިއާ ޖެހިއިރު، ދެ ވަނަ ގޯލު 11 ވަނަ މިނިޓްގައި ޖެހި ހެސޭ ލިންގާޑް އެވެ.
ޔުނައިޓެޑުން މެޗުގެ ކުރީކޮޅުގައި ދެ ގޯލު ޖެހުމުން އާސެނަލުން މި ހާފުގެ ބާކީ ބައިގައި ކުރިއަށް ޖެހިގެން ގިނަ އެޓޭކުތަކެއް ކުރި އެވެ. މި ހާފުގައި އެ ޓީމުން 20 ޝޮޓް ފޮނުވާލިއިރު، ގިނަ ހަމަލާތައް ހުށިޔާރުކަމާ އެކު މަތަކުރީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ.
ދެ ވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި އާސެނަލުގެ ލަނޑު ޖެހީ އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ ކަމަށް ބެލެވުނު ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒެޓޭ އެވެ. ނަތީޖާ ހަމަހަމަ ކުރަން ލަަކަޒެޓޭ ފޮނުވާލި ބޯޅަ ޑެހެއާ މަތަކުރިއިރު، އެ ބޯޅަ އޭނާ އަތުގައި ޖެހިފައި ދެ ވަނަ ފަހަރަށް ލިބުމުން އާސެނަލްގެ އަލެކްސިސް ސަންޗޭޒް ފޮނުވާލި ރީބައުންސް ބޯޅަ ޑެހެއާ ވަނީ ފައިން މަތަކޮށްފަ އެވެ.
ކައުންޓަ އެޓޭކުގައި ޕޮގްބާ ދިން ބޯޅަ އަކުން ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 63 ވަނަ މިނިޓްގައި ލިންގާޑެވެ. އޭގެ ދިހަ މިނިޓް ފަހުން ޕޮގްބާ އަށް ރަތް ކާޑު ދެއްކީ އާސެނަލްގެ ހެކްޓަ ބެލެރިން އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. މި ރަތް ކާޑުގެ ސަބަބުން އަންނަ ހަފްތާގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ޕޮގްބާ އަށް ގެއްލޭނެ އެވެ.
ޔުނައިޓެޑްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި އިތުރު ލަނޑެއް ޖަހަން އާސެނަލުން ވަނީ ގިނަ އެޓޭކްތަކެއް ކޮށްފަ އެވެ. އަދި ޔުނައިޓެޑް އޭރިއާ ތެެރެއިން ދެ ފައުލަކަށް ޕެނަލްޓީ ހޯދަން ވަރަށް ބޮޑަށް އެޕީލްކުރި ނަމަވެސް މެޗުގެ ރެފްރީ އަންދްރޭ މެރިނާ ޕެނަލްޓީއެއް ނުދެ އެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އޭނާގެ ޓީމުން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"އަހަރެން ވަރަށް ގަޔާވި މި މެޗުގައި ޔުނައިޓެޑްގެ ކުޅުންތެރިން ދެއްކި ކުޅުމާ. ވަކި ވަގުތުތަކެއްގައި އާސެނަލުން ވަރަށް މޮޅު އެޓޭކިން ފުޓްބޯޅައެއް ކުޅުނު. އަހަރެމެންނަށް އުނދަގޫތަކެއް ވެސް ކުރިމަތިވި. އެކަމަކު މި މެޗުގެ ހުރިހާ ކްރެޑިޓެއް ހުރިހާ ރީތި ނަމެއް ހައްގުވަނީ އަހަރެމެންގެ ކުޅުންތެރިންނަށް. އަހަންނަކަށް މާ ބައިވަރު އިނގިރޭސި ބަހެއް ނޭނގޭ. އެކަމަކު ބުނެވޭނީ އެ ހުރިހާ ބަހެއް ވެސް މި ކުޅުންތެރިންނަށް ތައުރީފްކުރަން ބޭނުން ކުރެވޭނެކަމަށް،" މޮރީނިއޯ ބުންޏެވެ.
އޭނާ ވަނީ މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ޔުނައިޓެޑްގެ ކީޕަރު ޑެހެއާ ދެއްކި ހިތްވަރުގަދަ މޮޅު ކުޅުމަށް ތައުރީފް ކޮށްފަ އެވެ.
ޓޮޓެންހަމް ރޭ ކުޅުނު މެޗުން އެ ޓީމު ވަނީ ރަށުން ބޭރުގައި 1-1 އިން ވަޓްފޯޑާ އެއްވަރުވެފަ އެވެ. ޓޮޓެންހަމް އޮތީ 15 މެޗުން 25 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.