"ސުލްތާން" ވެސް ރިލީޒްކުރުމުގެ ކުރިން އޮންލައިންގައި ލީކުވެއްޖެ
"ސުލްތާން" ވެސް ރިލީޒްކުރުމުގެ ކުރިން އޮންލައިންގައި ލީކުވެއްޖެ

މިއަހަރުގެ އެންމެ ވަރުގަދަ ފިލްމު ކަމަށް ބެލެވޭ ސަލްމާން ޚާންގެ "ސުލްތާން" ރިލީޒްކުރުމުގެ ކުރިން އޮންލައިންގައި ލީކުވެއްޖެ އެވެ.

އަނުޝްކާ ޝަރުމާ އާއި ސަލްމާން ލީޑް ރޯލު ކުޅެފައިވާ މި ފިލްމު ލީކުވެފައި ވަނީ ފިލްމު ރިލީޒްކުރުމުގެ އެތައް ގަޑިއިރެއް ކުރިންނެވެ. މިއީ "އުޅްތާ ޕަންޖާބު" އާއި "ގްރޭޓް ގްރޭންޑް މަސްތީ"އަށް ފަހު، މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މި ގޮތަށް ލީކުވި ތިން ވަނަ ފިލްމެވެ.

ސައިބަ ކްރައިމް އެކްސްޕާޓުން ވަނީ މި ޚަބަރަކީ ތެދެއްކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް ފުލުހުންނަށް މިކަމުގެ ޝަކުވާއެއް އަދި ހުށަހެޅިފައި ނުވާ ކަމަށްވެ އެވެ.

އެހެން ގައުމެއްގެ ޕްރޮކްސީ ސާވާއަކުން ސުލްތާން ލީކު ކޮށްލިޔަސް ކުރެވޭނެކަމެއް ނެތް ކަމަށާއި ނަމަވެސް އިންޑިއާގައި ކޮށްފި ނަމަ ވަގުތުން ބްލޮކް ކޮށްލާނެ ކަމަށް ވެސް ސައިބް ކްރައިމް އެކްސްޕާޓުން ވަނީ ބުނެފަ އެވެ.

އެތައް ބައިވެރު ފައިސާއެއް ޚަރަދުކޮށްގެން އުފައްދާ ފިލްމުތައް ރިލީޒްކުރުމުގެ އެތައް ގަޑިއެއްގެ ކުރިން ލީކުވުމަކީ ވަރަށް ހިތާމަކުރަން ޖެހޭ ކަމެއް ކަމަށާއި މިކަމާ ގުޅޭގޮތުން އެކަށީގެންވާ ތަހުގީގެއް ހިންގާ ފިޔަވަޅު އަޅަން ޖެހޭ ވަގުތު އަތުވެއްޖެ ކަމަށް ވެސް ސައިބަ ކްރައިމް އެކްސްޕާޓުން ދަނީ ބުނަމުންނެވެ.

އޮންލައިންކޮށް ލީކުވިޔަސް ފިލްމު ބަލަން ސިނަމާތަކަށް ވަންނަ މީހުން ވަކި މަދެއް ނޫނެވެ. އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ފުރަތަމަ ދުވަހު އެކަނިވެސް 400 މިލިއަން ރުޕީޒް ލިބިފައިވާކަމަށް މިހާތަނަށް އަންދާޒާ ކުރެވިފައިވެ އެވެ.