03 ޑިސެމްބަރ 2017 - 06:29

މެލޭޝިޔާގައި ކިޔަވަންހުރި ދުވަސްވަރެވެ. އަހަރެންގެ އުންމީދަކީ ޓުއަރިޒަމާ ގުޅޭ ދާއިރާއެއްގައި މަތީ މަޤާމެއް އަދާކުރުމެވެ. ޗުއްޓީގައި އަހަރެން އަންނަނީ މާލެއަށެވެ. އަހަރެންގެ އަތްމަތި ދަތިނުވާ ވަރަށް މައިންބަފައިން ފައިސާ ފޮނުވައެވެ. އެކަމަކު، ގިނަ ފައިސާގެ މާނައަކީ ގިނަ ކަންކަން ބޭނުންވުމެވެ. ބޭކާރު ކަންކަމެވެ. އެންމެ ބޭކާރުކަމަކަށް އަހަންނަށް ކުރެވުނު ކަމަކީ އަޒްރިނާއަށް ޚަރަދުކުރުމެވެ. އޭނައަކީ، އެކުގައި ކިޔަވަމުންދިޔަ މެލޭޝިޔާ އަންހެންކުއްޖެކެވެ. ރީތި ހުރިހައި ސިފައެއް ހުރި ފަތްމިންޏެކެވެ. އަހަރެންނާ މެދު އެއްވެސް ޝައުޤުވެރިކަމެއް އޭނަ ނުބެހެއްޓިޔަސް، ފަހަރެއްގައި އޭނަގެ ޚިޔާލު ބަދަލުވެދާނެކަމަށް އުންމީދު ކުރެވުނީއެވެ. ފޮނި ހުވަފެނެއްގެ ތެރެއަށް އަހަރެން ގެއްލުނީއެވެ. ނިދިން ހޭލެވުނުއިރު އަތްމަތި ދަތިވެއްޖެއެވެ. މާލެއަށް ދާން ޓިކެޓުނަގަން ފޮނުވި ލާރިކޮޅުން ވެސް ބަޔެއް ޚަރަދުކުރެވިއްޖެއެވެ.
މައިންބަފައިންނަށް އޮޅުވައިލީމެވެ. ގާތް ރައްޓެއްސެއްގެ ދަޢުވަތު ލިބިގެން އޭނަގެ ރަށަށް ދަނީކަމަށް އެންގީމެވެ. އެ ހިސާބުން އެއް މައްސަލަ ޙައްލުވީއެވެ. ދެވަނަ މައްސަލައަކީ، ޗުއްޓީ ނިމުމުގެ ކުރިން ފައިސާކޮޅެއް ހޯދުމެވެ. ނޫސްތައް ބަލަން ފެށީމެވެ. ވަޒީފާއެއް ހޯދަން ރައްޓެހިންގެ އެހީއަށް އެދުނީމެވެ. ނަސީބު ދިމާކުރި ގޮތުން، އަހަންނާ ގުޅޭ ކަހަލަ ވަޒީފާއެއް އިމްރާނަށް ފެނުނެވެ. އޭނައަކީ، އަހަންނާ އެއް ކިލާހެއްގައި އުޅުނު މެލޭޝިޔާ ކުއްޖެކެވެ.
"އެއީ ވަރަށް ހިތްގައިމު ތަނެއް. ވަރަށް ނާމާން ވެސް ތަނެކޯ،" އިމްރާން ބުންޏެވެ. "ޖިންނި ވެސް އެ ތަނުން އެޕާޓުމަންޓު ކުއްޔަށް ހިފަޔޯ! އެ ކޮޓަރިތަކުގަ ހުރެޔޯ އަލިފާނުން ފެންވެރެން ވެސް."
އިމްރާނަކީ ސަމާސައިގެ ބޮޑު މީހެކެވެ. އޭނަގެ ޖޯކުކިޔުމާ ހެދި ކިލާހުގައި ބައެއް ދުވަސްދުވަހު ފިލާވަޅު ކުރިޔަށް ނުގެންދެވިގެން ހުއްޓައިލަންޖެހެއެވެ. ކިރިޔާ ވެސް އިމްރާން ދަންނަ މީހަކު އޭނަގެ ވާހަކައަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭނެއެވެ. އަހަރެން ވެސް ނުދެމެވެ. ވަޒީފާއަށް އެދި އަވަހަށް ސިޓީ ފޮނުވީމެވެ. ހައިރާންވާހާ އަވަހަށް ޖަވާބު ލިބުނެވެ. ވަޒީފާއަށް އައުމަށް އެންގިއެވެ. ބަސްދީގަތުމެއް ނެތިއެވެ. ހިތަށްއެރިއެވެ. އަހަރެންގެ ފެންވަރު ރަނގަޅީބާއެވެ؟ ނޫނީ އަހަރެންގެ ނަސީބު ގަދައީބާއެވެ؟
ހެނދުނު ސައިބޮއިގެން ޓެކްސީއެއްގައި ދަތުރު ފެށީމެވެ. ދާން ހަމަޖެހިފައިވަނީ އެންބަރ ކޯޓަށެވެ. ޑުރައިވަރު ކިޔައިދިން ގޮތުގައި، އެއީ މެލޭޝިޔާގެ ފަރުބަދަ މަތީގައި އޮންނަ، ބާރަ ހާސް އޭކަރުގެ ރިސޯޓެއްގައި ހުންނަ ބޮޑު އިމާރާތެކެވެ. އެ ރިސޯޓުގެ ބިންގާއެޅީ ނަވާރަ ސަތޭކަ ފަސްދޮޅަސް ނުވައެއްގައެވެ. ވެރިރަށް ކުއާލަލަންޕޫރުން ފުރައިގެން އެ ހިސާބަށް ދާން ގަޑިއެއްހާއިރު ނަގައެވެ. އެންބަރ ކޯޓުގައި ހުންނަނީ ކުއްޔަށްދޭ އެޕާޓުމަންޓެވެ. އެޕާޓުމަންޓުތައް ބަލަހައްޓަން މުވައްޒަފުން ތިބެއެވެ. އަހަރެން ވެސް ވާނީ އޭގެތެރެއިން މުވައްޒަފަކަށެވެ. އިމާރާތް ހަދައިފައި ހުންނަނީ ތޭވީސް ބުރިއަށެވެ.
ފަރުބަދައަށް އަރަމުން ބަލައިލާއިރު އެ ހޮޓަލުގެ ބޮޑުބައެއް އޮންނަނީ ވިލާތަކުގެ ތެރޭގައި ފޮރުވިފައެވެ. އެ ސަރަޙައްދަކީ ދުންފިނި ފައިބާ، ވަރަށް ފިނި ހިސާބެކެވެ. ފަސް ހާސް ހަތް ސަތޭކަ ދިހަ ފޫޓު އުހުގައި ހުންނަ އެ ރިސޯޓަށް ދާން އޮންނަނީ ވަރަށް ހަނި މަގެކެވެ. މަގުން ދަތުރުކުރާ އުޅަނދުފަހަރު ވެއްޓިދާނެތީ، މަގުގެ އަރިމަތީގައި ފަލަ ދަގަނޑުން ޗެންޗޭނު ޖަހައިފައި ހުރެއެވެ. އޮމާން ދުވެއްޔެއްގައި ދުވަމުން ގޮސް އެންބަރ ކޯޓުގެ ނިވަތްދަށުގައި ކާރު މަޑުކޮށްލިއެވެ. ވަރަށް ބޮޑު ތަނެކެވެ. އެކަމަކު، އެންމެ ފުރިހަމަކޮށް ބަލަހައްޓާ ތަނެއް ނޫނެވެ. ބޭރުގައި ލައިފައިހުރި ކުލައިގެ ތާޒާކަމެއް ނެތެވެ. ތަޅުންގަނޑުގައި ޖަހައިފައި ހުރި ތަށިމުށީގައި ރެނދުލައި، ބައެއް ދިމަދިމާއިން ތަންތަންކޮޅު ނެއްޓިފައި ހުއްޓެވެ. ތަނަށް ވަންނަންހުންނަ ދޮރުގެ އަތްގަނޑު ހެލެއެވެ. އަހަންނަށް ވަދެވުނީ ހިލްމީ ކުރިމައްޗަށެވެ. އޭނައަކީ އެންބަރ ކޯޓުގެ މެނޭޖަރެވެ. މެދު އުމުރެއްގެ، އިސްކޮޅުން ދިގު މީހެކެވެ. ބޮލުގައި ނުރަ ގިނައެވެ. ހައިބަތުހުރި މަތިމަހެއްގެ ވެރިއެކެވެ. އަހަރެން ފެންނައިރަށް އޭނައަށް އަހަރެން އެނގިއްޖެއެވެ. އޯގާތެރި ރާގެއްގައި ހާލުއަހުވާލު އަހައި، ސަލާންގަލާން ކުރިއެވެ. އަހަރެން ހަވާލުކުރީ މުނީރު ކިޔާ މީހަކާއެވެ. މުނީރު ގޮސް އަހަރެން ނިދާތަނާއި، ރެސްޓޯރަންޓު ދެއްކިއެވެ. ތަނަށް އަންނަ މެހުމާނުންގެ އޯޑަރު ބަލައިގަންނަ ގޮތާއި، އެޕާޓުމަންޓުތަކުން އަންނަ އޯޑަރު ބަލައިގަންނަ ގޮތް ކިޔައިދިނެވެ. އެޕާޓުމަންޓުން ގުޅުމުން ފޯނު ކައިރީގައި ހުންނަ ބޯޑުން އެޕާޓުމަންޓުގެ ނަންބަރު ދިއްލެއެވެ. ފޯނު ނަގާކަށް ވަކި މީހަކު ނުހުރެއެވެ. އެ ވަގުތަކު ފޯނާ އެންމެ ކައިރިއަށް ހުރި މީހަކު އޯޑަރު ނަގަންޖެހެއެވެ.
އަހަންނަށް ދިން ޔުނީފޯމު ލައިގެން ހަމަ އެ ދުވަހު ވަޒީފާއަށް ނުކުތީމެވެ. އަހަންނަށް ވަޒީފާލިބުން އަވަސްވި ސަބަބު އެނގުނީ އެ ދުވަހުއެވެ. ތަނަށް ބޭނުންވާ ވަރާ ގާތަށް ވެސް މުވައްޒަފުންނެއް ނެތެވެ. ތަން ހިތްގައިމެވެ. މުސާރަ ވަރަށް ރަނގަޅެވެ. ވީއިރު، އެ ވަޒީފާއަށް މީހުން ކުރިމަތި ނުލަނީ ކީއްވެގެންބާއޭ އަހަރެން ހިތަށްއެރިއެވެ. އަހަންނަށް ޗުއްޓީ ލިބުނީ ރޭގަނޑު ނުވައެއް ޖެހުމުންނެވެ. އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އެ ކޮޓަރީގައި އަހަރެންގެ އިތުރުން އެހެން ދެ މީހުން އުޅެއެވެ. ދެ މީހުންނަކީ ވެސް މުސްލިމުންނެވެ. ވަރަށް ރައްޓެއްސެވެ. އެ މީހުންނާ ވާހަކަދައްކަން އިނދެލައިފައި ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓިލީމެވެ. ކުޑަދޮރުން އެ ރޭ ބޭރެއް ނުފެނެއެވެ. ހީވަނީ ވިލާގަނޑެއްގެ ތެރޭގައި އުޅެވޭހެންނެވެ. ވައި ގަދައެވެ. އިމާރާތުގެ ބައެއް ތަންތަނުގައި ވައިއެޅުމުން ބިރުވެރި ޒާތްޒާތުގެ އަޑު، މެދުނުކެނޑި އިވެއެވެ. އެ އަޑަށް ސިހެނީ އަހަރެން އެކަންޏެވެ. އެހެން މީހުން ތިބީ އާދަވެފައެވެ.
އަހަރެން ތަނަށް ހޭނެމުން ފަރިތަވަމުންދިޔައެވެ. ދޭތެރެއަކުން އާ މީހަކު އައިސް އަހަރުމެންނާ ބައިވެރިވެއެވެ. ހަމަ އެހާ އަވަހަށް މީހުން ކެނޑެއެވެ. ކެނޑޭ ސަބަބެއް އޭރަކު ނޭނގެއެވެ. މީހަކު ނުވެސް ބުނެދެއެވެ. އެއްރެޔަކު އަހަންނަށް ހޭލެވުނީ އަންހެނަކު ހަޅޭއްލަވާ އަޑު އިވިގެންނެވެ. މީހަކު އަނިޔާކުރާތީ ނުވަތަ އެއީ އަންހެނަކު ރުޅިއައިސްގެން ލަވާ ކަހަލަ ހަޅޭކެއް ނޫނެވެ. ބިރެއް ފެނިގެން ލަވާ ކަހަލަ ހަޅޭކެކެވެ. ދެން ތިބި ދެ މީހުން ތިބީ ގުގުރީގައި ވާޖަހައިލައިގެންނެވެ. ނިދާ މަރުވެފައެވެ. އަހަރެން ކޮޓަރިން ބޭރަށް ނުކުތީމެވެ. އަޑު އަންނަ ދިމާއެއް ނޭނގެއެވެ.
ހެނދުނު އެ ވާހަކަދެއްކުމުން އެކަކު ވެސް އަޅައެއްނުލިއެވެ. އެ މީހުން ދެކޭގޮތުގައި، އެތައްމިތަނުން މީހުންތައް އައިސް އެ ތަނުގައި އުޅޭއިރު ހުރިހައި ކަމެއް ހިނގާނެއެވެ. ހޭޖެހޭ މީހުންނާއި މޮޔައިން ވެސް އުޅޭނެއެވެ. އެއީ، އަހަރުމެންނާ ބެހޭކަމެއް ނޫނެވެ. އަހަރުމެންގެ ޒިންމާއަކީ މެހުމާނުންނަށް ޚިދުމަތް ދިނުމެވެ. އަހަރެން ވެސް އެ ވާހަކަ ގަބޫލުކުރީމެވެ.
ރޭގަނޑެއްގެ ވަގުތެވެ. އަހަރެންގެ ޑިޔުޓީ ނިމެން އޭރު އޮތީ ގަޑިއެއްހާ އިރެވެ. ތޭރަތޭރަ ނަންބަރު އެޕާޓުމަންޓުން ކޯލެއް އައެވެ. އެ ތަން ހުންނަނީ ތޭރަވަނަ ބުރީގައެވެ. އަހަރުމެން ތިބެނީ ތިންވަނަ ބުރީގައެވެ. އަހަރެން ހުރީ ފޯނާ ތަންކޮޅެއް ދުރުގައެވެ. އެކަމަކު، އެހެން މީހުން ފޯނު ކައިރިން ދާއިރު ވެސް ފޯނަށް ޖަވާބުދޭކަށް ނޫޅެއެވެ. އަހަރެން ގޮސް ފޯނު ނެގީމެވެ.
"މަ މީ ކަލޭ ނަމަ ތި ފޯނަކަށް ޖަވާބެއް ނުދިނީމުސް." ކައިރިން ދިޔަ ވެއިޓަރަކު ބުނެލިއެވެ.
"ގެނެސްދީބަލަ ނޫޑްލްސް ސޫޕެއް. ވަކިން ޓޮމާޓޯއަކާ، ފެނުކެއްކި ކުކުޅުބިހެއް ވެސް ގެނެސްދޭތި،" ވަރަށް އޯގާތެރިކަމާ އެކު އަންހެނަކު ވާހަކަދެއްކިއެވެ. "އަހަރެންގެ ފިރިމީހާއަށް އޮރެންޖު ޖޫސްތަށްޓެއް ވެސް ގެނެސްދޭތި އިނގޭ! ވަރަށް އަވަސްކޮށްލައްޗޭ! ކޮން ކުއްޖެއް ތީ؟"
އަހަރެން ނަން ބުނުމުން ޝުކުރު އަދާކޮށްފައި ފޯނު ބޭއްވިއެވެ. ހިތަށްއެރިއެވެ. ހާދަހާ އެހެންކަހަލަ އޯޑަރެކެވެ. އަވަހަށް ބަދިގެއަށް ގޮސް އޯޑަރު ދިނީމެވެ.
"ތޭރަތޭރަ ދޯ؟" ކައްކާމީހާ ބުނެލިއެވެ. "އަޅާލާނެކަމެއް ނެތް. އެ ތާކު ނޫޅޭނެ މީހަކު."
"އޭ ސަމާސަނުކުރޭ!" އަހަރެން ބުނީމެވެ. "އޭނަ ބުނި ވަރަށް އަވަސްކޮށްލައްޗޭ!"
"އޯކޭ!" ފަރުވާ ކުޑަ ގޮތަކަށް އޭނަ ބުނެލިއެވެ. "ދެތިން މިނެޓު ވާނީ. ކަލޭ އެއްފަހަރު ވެސް ވިސްނައިލިންތަ މި ތަނުގަ މީހަކު ހަރުނުލަނީ ކީއްވެގެންތޯ؟ މި ހިސާބުގަނޑު އާބާދުވިއިރު މި ބިމުގަ ކޮށްއުޅުނު މަސައްކަތަކީ މަޝްރޫމް ހެއްދުން. ނަވާރަ ސަތޭކަ ސާޅީހުގެ އަހަރުތަކުގަ މި ތަނުގަ ތިބީ ޖަޕާނު ސިފައިން. އެ މީހުން ރައްޔިތުންނަށް އަނިޔާކޮށް، ކަތިލައި ހެދި. ގަބުރުތައް ވަޅުލީ ވެސް މި ބިމުގަ. ޖަޕާނު ސިފައިން ފޭބިއިރު މި ބިމަކީ ގަބުރުސްތާނެއް. ދެން ހެދީ މި އިމާރާތް. މިތާ ކައިރީގަ ހުންނާނެ ޖުވާކުޅޭ ތަނެއް. ޖުވާކުޅެގެން އަތްމަތި ހުސްވި ކިތައް މީހުން މި ތަނުގެ މަތިން ފުންމައިލައިގެން އަމިއްލައަށް މަރުވިކަން އެނގޭތަ؟ ކަލޭ ނޫހެއް ނުކިޔަންދޯ؟"
އޯޑަރު ތައްޔާރު ކޮށްފައި ހަވާލުކުރުމުން، އެ ހިފައިގެން އަހަރެން ލިފްޓަށް އެރީމެވެ. ތޭރައަށް ފިއްތައިލީމެވެ. އެއީ، އެ ފަންގިފިލާއަށް އަހަރެން ދިޔަ ފުރަތަމަ ފަހަރެވެ. ތޭރަވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓިފައި ދޮރު ހުޅުވުނެވެ. އެތެރެއަށް ވަން ފިނި ރޯޅިން ހަންގަނޑު ތޮރުފައިލި ކަހަލައެވެ. ލިފްޓުން ނުކުމެގެން ނަންބަރުތަކަށް ބަލަމުން ގޮސް ތޭރަތޭރަ ކުރިމައްޗަށް ހުއްޓިފައި ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ. އެ ދޮރުގެ ބޭރުން ހުރީ ދަގަނޑު ދޮރެއް ހަރުކޮށްފައެވެ. ދޮރުގެ ބޭރުގައި ހުރީ ބޮޑު ތަޅެއް އަޅުވައިފައެވެ. އިރުކޮޅެއްވަންދެން އަހަރެން ދޮރުމަތީގައި ހުރީމެވެ. އޯޑަރު އައި ފޯނުކޯލު ނެގީ އަހަންނެވެ. ވާހަކަދެއްކީ ސާދާ އިނގެރޭސި ބަހުންނެވެ. އަހަރެންގެ ކަންފަތުގައި އޭރު ވެސް ހަރުލައިފައި ހުރީ ފޯނުން ވާހަކަދެއްކި މީހާގެ އަޑެވެ.
ފަހުން ވެސް ތޭރަތޭރައިން ކޯލު އާދެއެވެ. އެކަމަކު ދެން އަހަރެން ވެސް ޖަވާބެއް ނުދެމެވެ. ގޮތް ނޭނގޭ އަޑުއަޑު އިވުމާއި، ސިއްރުސިއްރުން އަހަރެންގެ ނަމުން ގޮވުމަކީ އާންމުކަމެކެވެ. ކިޔެވުން ފެށެން ކައިރިވީމައި އަހަރެން އެ ތަނުން ކެނޑުނީއެވެ. އަދިވެސް އެ އިމާރާތާއި ނަންބޯޑުގެ ބައެއް އަކުރު ސަލާމަތުން އެބަހުއްޓެވެ. މަދުމަދުން މެހުމާނުން ވެސް އާދެއެވެ. އެ ތަނުގައި ގިނައީ، ކައިރީގައި ހަދާ ބޮޑު ހޮޓަލެއް އިމާރާތްކުރުމުގެ މަސައްކަތުގައި އުޅޭ މަސައްކަތު މީހުންނެވެ. އެންބަރ ކޯޓު މިހާރު މަޝްހޫރުވެފައިވަނީ ނާމާން ތަނެއްގެ ގޮތުގައެވެ. މީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ނިމުނީ