އިންޑިއާގެ ހޮޓަލެއްގެ ގެސްޓަކު 120 ޓީވީ ވަގަށް ނަގައިފި
އިންޑިއާގެ ހޮޓަލެއްގެ ގެސްޓަކު 120 ޓީވީ ވަގަށް ނަގައިފި

ބެންގަލޯ (ޑިސެމްބަރު 2) - އިންޑިއާގެ ބެންގަލޯރުގެ ހޮޓަލަކަށް އާއްމުކޮށް ޒިޔާރަތްކުރާ ގެސްޓަކު އެ ހޮޓަލުން 120 ޓީވީ ވަގަށް ނެގިކަން ފަޅާ އަރައިފި އެވެ.

ބަޖެޓް ހޮޓަލުން ވަސުދޭވް ނަނައިއާ ޓީވީ ވަގަށް ނަގަމުން ދިޔަކަން އެ ހޮޓަލުގެ ސްޓާފުންނަކަށް ވެސް ކުރިން ނޭނގެ އެވެ. ސަބަބަކީ އޭނާ އަކީ "ޑީސެންޓް ގެސްޓެއް" ކަމަށް ހޮޓަލުގެ ސްޓާފުން ވެސް ދެކޭތީ އެވެ.

ފުލުހުން ބުނީ ނަނައިއާ ކޮންމެ ފަހަރަކު ވެސް ހޮޓަލަށް ޗެކިން ވަނީ ބޮޑު ފޮއްޓެއް ހިފައިގެން ކަމަށެވެ. އެހެންވެ އޭނާ ހޮޓަލުން ނުކުމެގެންދާ އިރު ޓީވީ ސެޓް، ފޮއްޓަށް ލައިގެންދާކަން ހޮޓަލުގެ އެހެން ސްޓާފުންނަކަށް ވެސް ނޭނގެ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ނަނައިއާ ވަނީ ހޮޓަލަކުން ޓީވީ ވަގަށް ނަގައިގެން އުޅެނިކޮށް ހައްޔަރުކޮށްފަ އެވެ. ނަމަވެސް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމާ އެކު އަނެއްކާ ވެސް ވަނީ ހޮޓަލުން ޓީވީ ވަގަށް ނަގަން ފަށައިފަ އެވެ.

ނަނައިއާ ދެ ވަނަ ފަހަރަށް އަތުލައިގަތީ އޭނާ ޓީވީ ވިއްކަން އުޅުނު މީހަކު ފުލުހަށް ރިޕޯޓް ކުރުމުންނެވެ. ބެންގަލޯރު ފުލުހުން މިހާރު ވަނީ ނަނައިއާ އަށް ވައްކަމުގެ 21 ދައުވާއެއް އުފުލައިފަ އެވެ. އަދި އޭނާ އަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.